މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ހަމަޖައްސައިފިއެވެ.

ފާއިތުވި ތިން އަހަރެއްހާ ދުވަހު ޔުނައިޓެޑްގެ ކެޕްޓަންކަން ކުރީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާއެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗްގެ މަގާމުގައި މިހާރުހުރި ޓެން ހާގް، 2022 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވުމަށް ފަހު ޓީމަށް ގެނައި ބަދަލުތަކާއިއެކު މެގުއާއަށް އާންމުކޮށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެއެވެ.

Ad
rt

ފާއިތުވި ހަފްތާތެރޭ ކޯޗް ޓެން ހާގް މެގުއާ ތައުން ކެޕްޓަން ބޭންޑް އަތުލަން ނިންމުމާއިއެކު މެގުއާ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓްގައި ބުނެފައުވަނީ އޭނާ އަތުން ބޭންޑް އަތުލަން ނިންމުމުން އެކަމާއި ހިތާމަކުރާ ކަމަށެވެ.

ފާއިތުވި ސީޒަންގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ޖުމްލަ ގޮތެއްގައި އަޅާފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕޯޗުގަލްގެ މިޑްފީލްޑަރު މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅާފައިވާއިރު، މިހާރު ދާއިމީ ގޮތެއްގައި ކެޕްޓަންކަން ހަވާލުކޮށްފައިވާ ކަމަށެވެ.

ޔުނައިޓެޑްގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެފަހަރު މަތިން ހޯދާފައިވާ، ބުރޫނޯ ވަނީ މިހާތަނަށް ޔުނައިޓެޑަށް 185 މެޗު ކުޅެ 64 ލަނޑު ޖަހައި، 54 ލަނޑު ޖަހަން އެހީތެރިވެ ދީފައެވެ.