ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

މި ލިސްޓް ޢާންމު ކުރެއްވުމަށްފަހު އީސީން ވަނީ 22 ޖޫން 2023 ވަނަ ދުވަހު 15:00 ގެ ކުރިން މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

Ad
rt

ޝަކުވާ ބަލައިގަންނަން އެ ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަކީ ރަސްމީ ދުވަހެއްގައި ނަމަ ހެނދުނު 8:30 އިން މެންދުރުފަހު 15:00 އެވެ. ހުކުރު ދުވަސް ފިޔަވައި ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 15:00 އެވެ. ހުކުރު ދުވަހު ނަމަ މެންދުރު 15:00 އިންހަވީރު 17:00 އަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެފައިވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި 282،672 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެން ވެއެވެ.

ހަބީބު ވިދާޅުވެފައިވާ ގޮތުގައި ވޯޓުލާމީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުން ވެސް ކުރެއްވުން ވަރަށް މުހިންމުކަމެެކެވެ.

''1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެންވެސް ޗެކް ކޮށްލެއްވޭނެ. މި ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެއްލެވޭނެ. އެސްއެމްއެސް ފޮނުއްވާނީ VR (space) ID number to 1414'' ހަބީބު ވިދާޅުވެފަވެއެވެ.

އަންނަ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ޢިއުލާންކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްއެންޕީ ހިމެނެއެވެ.

އެމްޑީޕީން މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާއިރު، ޕީޕީއެމުން ވާދަކުރަން ނިންމަވާފައި ވަނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމެވެ. ޖޭޕީން ވާދަކުރަން ނިންމަވާފައި ވަނީ އެ ޕާޓީގެ ލީޑަރު މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ތިން ބޭފުޅެއް ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ކުރިން އެލްޖީއޭގެ ރައީސްކަން ކުރެއްވި ސުޖާޢު އުސްމާނެވެ.