މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އޮންލައިންކޮށް ރީ-ރެޖިސްޓްރީކުރުމަށް އަންނަ ޖުލައި މަހު ހުޅުވާލަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީ އިން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައި، ރިޔާސީ އިންތިޚާބުގެ ޤަވާއިދު އެ ކޮމިޝަނުން އާއްމުކޮށްފައިވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަލަށް އެކުލަވާލައި އާއްމުކުރެއްވި ގަވާއިދުގައި ރީ-ރަޖިސްޓްރޭޝަން ފޯމާއި އޮންލައިންކޮށް ވެސް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިނުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދެއްވުމާއި ފޯކަލް ޕޮއިންޓްތަކަށް ވެސް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ފޯކަލް ޕޮއިންޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މީގެކުރިން ހަމަޖެހިފައި ނެތް ކަމެކެވެ.
ރާއްޖޭގައި މިހާރުބާއްވަމުން އަންނަ ބައި-އިލެކްޝަންތަކުގައި ވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރީޝަނަށް ހުށަހެޅޭނެ ކަމަށާއި މިބަދަލާއެކު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް އޮންލައިން ޕޯޓަލް ނުވަތަ ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ރީ-ރަޖިސްޓްރީކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު، އިލެކްޝަސް ކޮމިޝަނުން މިދިޔަ މޭ މަހު އާންމުކޮށްފައިވާއިރު، 282755 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.
ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށް ހުޅުވާލާއިރު، ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ. އަދި ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާއި ހަމައަށް ފުރުޞަތު ދިނުމަށް ވަނީ ނިްނމާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބޭއްވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!