ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރޭޓްސް ގެ މުއައްސިސް ހަސަލް ލަތީފުއެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން “ވަގަށް ހޯދައި” އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ދަ ޑިމޮކްރެޓްސް އަށް ކުރި ސޮއި، އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. އަދި އެ އަމަލު ހިންގުމުގައި އިސްކޮށް ހުންނެވީ ރައީސް ސާލިހާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ކަމަށް ވެސް އޭނާ ހުށަހެޅުއްވި މައްސަލައިގާ ވެއެވެ.
މީގެ އިތުރުން އެއީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދުނު ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އަށް ސޮއި ކުރި މީހުންނަށް ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި ސަރުކާރުގެ ބިރުދެއްކުމުގެ އަމަލުތަކާ އެކު ވެސް، ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މެމްބަރުން ސާބިތުކަމާ އެކު ތިބުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސް އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ޚިޔާލުު ތަފާތުވުންތަކާއެކު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި އުފެދުނު ބައެކެވެ.
އެ ޕާޓީ އުފެެއްދުމުގެ ހުއްދަ އީސީ އިން ދިނުމާއިއެކު 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، މި ޖޫން މަހުގެ 1 ވަނަ ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
އޭގެ ފަހުން އެ ޕާޓީން ވަނީ ސޮއި ކުރި މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމު ނުކުރަނީސް ލީކުވި މައްސަލައެއް ފެންމަތިކޮށްފައެވެ. އަދި އެ މައްސަލަ އެ ކޮމިޝަނަށާއި ފުލުހުންނަށް ތަހުގީގު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން އީސީ އިން ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އެ ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިހައިތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!