ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.
މި ބޭފޫޅުން "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ.
ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދު، މުޙައްމަދު ދާޢޫދު، އަޙްމަދު ޢަބްދުﷲ ރިލްވާން މުޙައްމަދު އާއި އާމިނަތު މަޖީދާ ވަނީ ޕާޓީއަށް ސޮއިކުރައްވާ ފޯމް ހަސަން ލަތީފް އާއި ހަވާލުކުރައްވާފަ އެވެ. ހަސަން ލަތީފް މިވަގުތު ހުންނެވީ އެސިޓީގައެވެ.
މީގެ އިތުރުން އެކައުންސިލްގައި އިތުރަށް ހުންނަވާ މެންބަރު ޢާޠިފާ ޢަލީވެސް ވަނީ ސޮއިކުރައްވާފަ އެވެ.
މިބޭފުޅުން ސޮއި ކުރެއްވި އިރު ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ވެސް ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފަ އެވެ.
ކައުންސިލް މެންބަރުންނާއި އެކު ހުންނެވި ފޮޓޯއެއް ހިއްސާ ކުރައްވާ ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅުން ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ކާމިޔާބީ އެއް ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާ ރައީސް ކަން ފުރައްވަމުން އައި އަކްރަމް ވެސް ވަނީ އެމްޑީޕީ ދޫކުރައްވާ އައު ޕާޓީއާއި ގުޅިގަ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލް އެކީ އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އަށް ސޮއެކުރެއްވި އިރު، ހދ. އަތޮޅުގައި ފެށުނީންސުރެއް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮން ހަރަކާތްތެރިވަމުން އަންނަ ފަރާތްތައްވެސް އަންނަނީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ. އޭގެ ތެރޭގައި އާއި ނޭކުރެންދޫ ޝިނާން އާއި އާޝިމް އަދި ނެއްލައިދޫ އަލީ އަޙްމަދު (އަލިބެ) ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީގެ ހަރަކާތްތަކުގައި ފެށުނީންސުރެއް ވަރަށް ބޮޑު ހަރަދެއް ކުރައްވަމުން އަންނަ ވިޔަފާރިވެރިޔާ ޕެންޓަ މާހިރުވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ކުރިއަށް އޮތްތަނުގައިވެސް ސޮއިކުރަން ހަމަޖެހިފައިވާކަމުގެ ހަބަރު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!