2021-2022 ވަނަ އަހަރު މަކުނުދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އެރަށު ފެހިވިލާގޭ ނަޢްލާ އިބްރާހީމް ޝަރީފްވަނީ ހޯދާފައެވެ. ސްކޫލަކުން ހުރިހާ ގޮތަކުން އެންމެ މޮޅު، އެންމެ ރަނގަޅު ދަރިވަރޭ ބުނުމުން ހިތަށް އަރަނީ އެ މަޤާމް ޙާޞިލް ކުރުމަށްޓަކައި އެ ދަރިވަރު މަސައްކަތް ކުރާނެވަރާއި ކުރާނެ ހިތްވަރެވެ. އެއީ އެންމެ ދުވަހެއް، ދެދުވަހެއްގެ މަސައްކަތެއް ނޫނެވެ. އަހަރު ދުވަހު، ކިޔެވުމުގެ އިތުރުން ތަޢުލީމާ ގުޅުންހުރި ކޮންމެ ކަމަކަށް އެދަރިވަރު ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރާނެކަން ޔަޤީނެވެ. އެޙަޤީޤަތް މިއަދު ނަޢްލާ ސާބިތުކޮށްދީފިއެވެ.
ނަމޫނާ ދަރިވަރަކަށް ވުމަށް ކުރި މަސައްކަތާއި އަމާޒު
ނަޢްލާ އަބަދުވެސް މަސައްކަތް ކުރަމުން ދިޔައީ އެހެން ކުދިންނަށް ނަމޫނާ ދަރިވަރަކަށް ވުމަށެވެ. އެގޮތުން ކިޔެވުމުގައި ކުދިންނަށް އެހީތެރިވެދީ ހެދިއެވެ. ކްލާހުގައިވެސް އޭނާއަކީ ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ. ކަންކަމުގައި އިސްނަގާ، އިސްވެއުޅޭ ކުއްޖެއްގެ ގޮތުގައި ނަޢްލާއަކީ އެ ސްކޫލުގައި ފާހަގަކޮށްލެވުނު ދަރިވަރެކެވެ. ކުދި، ބޮޑު އެންމެންގެ އިތުރުން މުދައްރިސުންނަށް އިޙްތިރާމް ކުރުމުގައި އޭނާ ނަމޫނާ ދައްކައިދިނެވެ.
ނަޢްލާގެ އާއި ބައްޕަ، ފޮޓޯ: މޫނިސާ
" ބެސްޓްއޯލްރައުންޑް މަޤާމް ހޯދުމަށް އަޅުގަނޑު ވަރަށް ގަދައަޅާ މަސައްކަތް ކުރިން! އަމާޒަށް ވާޞިލްވުމަށްޓަކައި ވަރަށް ހިތްވަރު ކުރިން! ސްކޫލަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން އަޅުގަނޑަށް އެނގޭ! އެހެންވެ އަޅުގަނޑު ވިސްނިން ހުރިހާ ގޮތަކަށް! ކިޔެވުމާއެކު ސްކޫލްގެ ހުރިހާ ކަމެއްގައި ބައިވެރިވިން! ކޮންމެ ކަމެއް ކުރަން ޖެހުނަސް ޖެހިލުމެއްނެތި އިސްނަގައިގެން މަސައްކަތް ކުރަން! "
ސްކޫލްގެ ހުރިހައި ކުދިންގެ މެދުގައި ވޯޓުލައިގެން ސްކޫލް ކެޕްޓަންއަކަށް ނަޢްލާ އިންތިޙާބުވުމަކީވެސް ދަރިވަރުންގެ މެދުގައި ނަޢްލާއަކީ މަޤްބޫލު ކުއްޖެއްކަން ހާމަވެގެންދާ ހެއްކެކެވެ.

މޮޅު ކުއްޖަކަށްވާނީ ކިހިނެއް؟
މޮޅު ދަރިވަރަކަށް ވުމަށް އެކި ކުދިން މަސައްކަތް ކުރާނީ އެކި ގޮތަށެވެ. އެގޮތުން މޮޅު ކުއްޖަކަށް ވުމަށްޓަކައި ދީނީ ކަންކަމަށް އިސްކަންދީ ގިނަގިނައިން ދުޢާކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ނަޢްލާ ދެކެއެވެ. އޭގެ އިތުރުން ކްލާހުގައި ނަގައިދޭ ފިލާވަޅުތަކުގެ " ޝޯޓް ނޯޓްސް " ނަގާ، ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ނޯޓްސް އޭނާ މުރާޖާ ކުރެއެވެ. އަދި އެނގިފައި ހުރި އެއްޗެހި އެހެން ކުދިންނަށް ބުނެދިނުމާ، އެކުދިންގެ ޚިޔާލު ހޯދުމަށް ބައެއް ދުވަސްތަކުގައި އޭނާ ގުރޫޕްސްޓަޑީޒް ހެދިއެވެ. އެކަނި އިނދެ ކިޔަވަން ނަޢްލާއަށް އެންމެ ފަސޭހައީ ދަންވަރުގެ ވަގުތާއި ފަތިހެވެ. ދަސްކުރުމުގައި އޭނާ ގެންގުޅޭ އުކުޅަކީ އަޑުވީއްލާ ބާރަށް ކިޔުމާއި ދަސްވާވަރަކަށް އެހެން ފޮތެއްގައި ދަސްވި ފިލާވަޅު ލިޔުމެވެ. އެކަމުގެ ސަބަބުން ދަސްވި ފިލާވަޅު ހިތުގައި ބިންވަޅުނެގި، ހަނދާނުގައި ހަރުލާފައި ހުރެއެވެ. އުނދަގޫ މާއްދާތައް ކިޔެވުމަށް އިތުރަށް ހިތްވަރު ކުރަން ޖެހުނު ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް މުދައްރިސުންގެ އެހީއާއެކު އެމާއްދާތަކުންވެސް ނަޢްލާވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ކިޔެވި 8 މާއްދާއިން އޭނާ ރަނގަޅު ނަތީޖާއެއް ޙާޞިލްކުރީ ނުހަނު ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ. ފޮތުގައި ހަދާ، ފިލާވަޅު ނުބައިވެއްޖެނަަމަ، ރަނގަޅުކުރަން މުދައްރިސުންގެ އެހީ ހޯދުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި އޭނާ ބުންޏެވެ.
ވާދަ ކުރާ ކޮންމެ ކަމެއްގައި އެންމެ ކުޑައިރުއްސުރެ ނަޢްލާ އަންނަނީ ކާމިޔާބު ހޯދަމުން
ތަޢުލީމީ ޙަޔާތް ކާމިޔާބު ކުރުމަށް ސަމާލުކަންދިނުން މުޙިއްމު ކަންތައްތައް
ތަޢުލީމީ ހަޔާތް ކާމިޔާބު ކުރުމަށްޓަކައި ހަމައެކަނި ކިޔެވުމަކުން ނުފުދޭނެއެވެ. އޭގެ އިތުރުން ސްކޫލްގައި ހިންގާ އިތުރު ޚަރަކާތްތަކުގައި ބައިވެރިވުމަކީ ވަރަށް މުޙިއްމުކަމެކެވެ.
ނަޢްލާ ހޭންޑްބޯލް މެޗްތަކުން ކުއީން އޮފް ދަ މެޗް ޙާޞިލްކޮށްފައިވޭ
" އަބަދާއަބަދު ކިޔަވަން އުޅުނީމަވެސް ބައެއް ފަހަރު ސްޓްރެސްވާނެ! އެހެންކަމުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން ވަރަށް ބޮޑަށް ސިކުނޑި ތާޒާވެގެންދޭ! ދެން އަޅުގަނޑުގެ ކިބައިގައި ހުރި ކުޅިވަރުގެ ހުނަރުތައް ތަރައްޤީކުރަންވެސް ލިބޭ ފުރުޞަތަކީއެއީ! ކިޔެވުމުގެ އިތުރުން ބައިވަރު ކަންކަން އަލަށް ދަސްވެސްވޭ! ދުޅަހެޔޮ ޞިއްޙެއްގައި ހުރެގެން ނޫންތޯ ކިޔެވޭނީ؟ "
ވަރަށް ފުޅާކޮށް އޭނާވަނީ އެކަމާމެދު ވިސްނާފައެވެ. ތެދެކެވެ. ކިޔެވުމަށްޓަކައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން ކިތަންމެހާވެސް ބޭނުންވެއެވެ. ސްކޫލްތަކުގައި އެކަމަށްޓަކައި އެވަނީ އިތުރު ހަރަކާތްތަކަށް ދަރިވަރުންނަށް ފުރުޞަތު ހޯދައިދީފައެވެ. ނަޢްލާއަކީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި ދަރިވަރެއްކަން އޭނާ ސާބިތު ކޮށްދީފިއެވެ. މީގެ އިތުރުން ކުޑައިރުންފެށިގެން އޭނާ ދިޔައީ ޤުރުޢާން މުބާރާތްތަކުގައި ބައިވެރިވެ، ވަނަތައްވެސް ޙާޞިލް ކުރަމުންނެވެ. އަދި ނަޢްލާއަކީ ކުޅިވަރުގެ އިތުރުން ސްކޫލްގައި ބާއްވާ ތަފާތު އެކިއެކި މުބާރާތްތަކުގައިވެސް ބަރާބަރަށް ބައިވެރިވާ ހުނަރުވެރި ކުއްޖެކެވެ.
ނަޢްލާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާއެކު، ފޮޓޯ: މޫނިސާ
ތަޢުލީމީ ޙަޔާތުގައި އެންމެ ދެރަވި ދުވަސް
ގްރޭޑް 10 ނިންމާ، ގްރެޖުއޭޝަން ޙަފްލާ ބޭއްވި ދުވަހަކީ އޭނާ ނުހަނު ދެރަވި ދުވަހެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެކުގައި ކިޔަވަން އުޅުނު އެކުވެރިންނާ ވަކިވާން ޖެހޭތީއެވެ. އަދި އެކުދިންނާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް އަލުން އަނބުރާ ނާންނާނެތީއެވެ. އެންމެ ބޮޑަށް ދެރަވި ސަބަބަކީ އެ މޫނުތަކަކުން އޭނާގެ ހިތަށް ފިނިކަން ގެނެސްދޭ އެދުރުންގެ ހިނިތުންވެފައިވާ މޫނުތައް ނުފެންނާނެތީއެވެ. އެ އޯގާތެރި، ކުލުނުވެރި ހިތްތަކުގެ ވެރިން، އެހާ ގާތުން ބައްދަލްނުވާނެތީއެވެ. ދެވަނަ މައިންބަފައިންގެ ސިފައިގައި އެތައް އަހަރެއްވަންދެން އޭނާއަށް އުނގަންނައިދެއްވި ލޮބުވެތި މުދައްރިސުންނާ ވަކިވާން ޖެހޭތީއެވެ.
ލިބުނު ކާމިޔާބީގެ ފަހަތުގައިތިބީ ހިތްވަރުގަދަ ބައެއް
"ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާފަދައިން މުދައްރިސުންނާނުލާ އަޅުގަނޑަކަށް މި ކާމިޔާބީއާ ހަމައަކަށް ވާޞިލެއް ނުވީސް! އެބޭފުޅުންގެ އާއިލާ ދޫކުރައްވާ އަޅުގަނޑުމެންނަށް އުނގަންނަވައިދެއްވަން ރެޔާ ދުވާލު އެ މަސައްކަތް ކުރައްވަނީ! އަޅުގަނޑަކީ އަބަދުވެސް މުދައްރިސުންގެ މަސައްކަތް ބަލައިގަންނަ ދަރިވަރެއް!"
ނަޢްލާގެ މިދަތުރުގައި ރަންއަކުރުން އޭނާ ފާހަގަ ކުރަން ބޭނުންވަނީ އެދުރުންގެ ވާހަކައެވެ. ހުރިހާ ފަންނެއް އުނގަންނައިދެއްވުމުގައި އެބޭފުޅުން ވެލައްވާ ޤުރުބާނީއަކީ ދަރިވަރުންގެ ކާމިޔާބީގެ އަސްލު ކަމުގައި އޭނާ ދެކެއެވެ.
މަންމައާއި ބައްޕައަކީ ނަޢްލާގެ ކޮންމެ ކަމެއްގައިވެސް އެންމެ ގާތުގައި ތިބޭ ހިތްވަރުގަދަ ބައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.
ނަޢްލާ އަށް ކިޔަވައިދެއްވި ބައެއް މުދައްރިސުންނާއެކު، ފޮޓޯ: މޫނިސާ
" ސްކޫލަށް އެއްޗެއް ބޭނުންވިޔަސް ވަގުތުން އެއެއްޗެއް ހޯދައިދޭނެ! އަޅުގަނޑު ކުރިއަށް ދިޔުމުގައި މަންމައާ ބައްޕަގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވީތީ ވަރަށް އުފާކުރަން. މީރު ކާއެއްޗެހި ހަދައިދީ، ޚާއްސަކޮށް ޓެސްޓް ދުވަސްވަރު އަޅުގަނޑުގެ ހުރިހާ ކަމަކަށްވެސް މަންމައާ ބައްޕަ ޚާއްސަ ސަމާލުކަމެއް ދެއްވާނެ. ކިޔެވުމުގެ އިތުރުން އަޅުގަނޑަށް ލިބިފައިމިވާ ތަރުބިއްޔަތަކީ މަންމައާ ބައްޕަ އަޅުގަނޑަށް ދަސްކޮށްދެއްވި ރިވެތި ގޮތް. އަޅުގަނޑު ކިހިނެއްތޯ މިހެން ދުލުން މަންމައާ ބައްޕައަށް ޝުކުރުއަދާ ކުރާނީ؟ އެއީ އެއަށްވުރެ މާ މަތިވެރި މާތް ބައެއް! ".
ޝުކުރު
ޝުކުރަކީ ދުލުން ބުނެލަން ފަސޭހަވިޔަސް، އަގު ނުކުރެވޭނެ ލަފްޒެކެވެ. އެންމެ ފުރަތަމަވެސް އޭނާއަށް މި ފުރިހަމަ ކާމިޔާބީ ލިބުމުން ޙަމްދުކުރަން ބޭނުންވަނީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު ލޯބިވާ މައިންބަފައިންނާ ކުޅަދާނަ މުދައްރިސުންނަށެވެ. އަދި އަބަދުވެސް އޭނާއާއެކުގައިވާ ލޯބިވާ އާއިލާއަށެވެ. އެކުވެރިންނަކީ އޭނާގެ މި ދަތުރުގައި އަބަދުވެސް އެކުގައިވީ ބައެއްކަން އޭނާ ފާހަގަ ކުރިއެވެ. އޭގެ އިތުރުން ކުޑަނަމަވެސް ހެޔޮބަހެއް، ހެޔޮ ދުޢާއެއް އޭނާއަށްޓަކައި ކޮށްފައިވީ ކޮންމެ މީހަކަށް އޭނާގެ ހިތުން ޚާއްސަ ޝުކުރެއް ރައްދުކުރާކަމުގައި ނަޢްލާ ބުންޏެވެ. އަދި ކިޔެވުމުގައި އޭނާއަށް އަބަދުވެސް ވަރަށް ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ތައްތިކުޑޫއާ އަނުއްތަގެ ނަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.
ނަޢްލާ މިހާރު ކިޔަވަމުންދަނި ނަރުސްކަން
ދެކެމުންދާ ހުވަފެން
މުދައްރިސުންގެ އަގުބޮޑު ގަލަމުގެ އެހީގައި އުނގެނި، މައިންބަފައިން ދަސްކޮށްދެއްވި ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ ހިޔަލުގައި ނަޢްލާވަނީ މަކުނުދޫ ފަޚްރުވެރިވާފަދަ ދަރިވަރަކަށް ވެފައެވެ. މިހާރު އޭނާއަކީ އެމް.އެން.ޔޫގައި ނާރސިން ކިޔަވަމުންދާ ދަރިވަރެކެވެ. ނަރުހަކަށް ވުމުގެ ފޮނި އުއްމީދުގައި އޭނާ ދަނީ ހިތްވަރާއެކު ކިޔަވަމުންނެވެ. ތިލަދުންއިން އެދެނީ ނަޢްލާއަށް ފާގަތި މުސްތަޤްބަލެއްދެއްވާ، ކާމިޔާބު މިންވަރު ކުރެެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!