ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެރަށު ކައުންސިލުން ޝުކުރު އަދާކޮށްފިއެވެ.

އެ ކައުންސިލުން ޝުކުރު އަދާކުރައްވާފައި މިވަނީ ނައިބު ރައީސް ފައިސަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި، އެރަށު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއު ނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށަށް އެންމެ ބޭނުންވެފައިވާ ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތާއި ސްކޫލުގެ ޖާގައިތުރުކުރުމާއި، ސިއްހީ ހިދުމަތާއި، ކުޅިވަރުކުޅުމުގެ ވަސީލަތްތައް އިތުރަށް ތަރައްގީކުރަން ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެރަށަކީ ތިން ރަށަކުން މީހުން ހިޖުރަކޮށްފައިވާ ރަށަކަށް ވުމާއިއެކު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައް ވެސް ކައުންސިލުން ފާހަގަކުރިއެވެ.

ނައިބު ރައީސް ވަނީ ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.