ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިރޭ އިނާމު ހާސިލުކުރި ދަރިވަރުން ދެން ކުރިމަތިލާނީ މަތީ ސާނަވީ މަރުޙަލާއާ ކަމަށެވެ. އެއީ އެ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ ބިންގާ އަޅައިދޭނެ މަރުޙަލާ ކަމަށާއި، މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުންނަށްވެސް، އެމަނިކުފާނު ދަންނަވަން އޮތީ، އެ ކުއްޖެއްގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، މިއީ އެ ދަރިވަރުން ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފަންވީ ދުވަސްވަރު ކަމަށެވެ. އަދި އެ ދަރިވަރުންގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ ހުނަރުވެރި އެތައް ދަރިވަރުންނެއް ތިބޭނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، އެއިން ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
''ޤައުމީ ތަރައްޤީގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކަން. އެހެން ނަމަވެސް، އެއީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން. ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލުތަކެއް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން ކަމަށެވެ. އަދި އެއިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، އެފަދަ ޢިލްމީ ޤާބިލުކަން ހޯދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
''ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުޞަތު މިއަދު އޮތީ ތަނަވަސްވެފައި. ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށާއި އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސް ޞާލިޙް އެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި ދަރިވަރުންނާއި އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނައިން 10 ވަނަ އާ ދެމެދުގެ ވަނަތައް ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!