ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 155 ދަރިވަރަކަށް ރޭ ދެއްވައިފިއެވެ.

މިގޮތުން މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސްގެ ޚާއްޞަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ.

Ad
rt

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލާޝިޕްގެ ލިއުން ރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އަދި ހައި އެޗީވާސް ސްކޮލާޝިޕް ޙާޞިލްކުރި 18 ދަރިވަރަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ހައި އެޗީވާސް ސްކޮލާޝިޕް ޙާޞިލްކުރި އިތުރު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވި އިތުރު ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހްމަދު ސަމީރާއި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ, ޑރ. މުސްތަފާ ލުތުފީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ އާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަން އާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާޙީމް ޙަސަން އެވެ.

ރައީސްގެ ޚާއްޞަ ސްކޮލާޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ޘާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސްގެ ޚާއްޞަ ސްކޮލާޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. އަދި މި ސްކޮލާޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ދެއެވެ.

މި ސްކޮލާޝިޕްތަކުގެ އުޞޫލުގެ ދަށުން ސްކޮލާޝިޕް ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންޖެހެއެވެ.