ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ "ކެލާ ސްޕަރ ލީގު 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން އެ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ.
މި އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި މުބާރާތުގެ ޤުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އަތުން 2000 (ދެހާސް) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް ކެލާ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތުގައި ހަ ޓީމަށްވުރެ މަދުން ބައިވެރިވެއްޖެނަމަ، މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ ބައިވެރިވާ ޓީމްތަކުގެ މެދުގައި ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ހަ ޓީމަށްވުރެ އިތުތުވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!