ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ދޯންޏަކީ، މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯންޏެކެވެ.

Ad
rt

"ޖަންބޯ" ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާއިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުއެވެ.

"ޖަންބޯ" ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ. އަދި މި ދޯނީގައި 2 މީހުން ދަތުރުކުރި ކަމަށް ވެސް އެމްްއެންޑީއެފުން ވިދާޅުވެއެވެ.

''މީގެއިތުރުން މިއަދުގެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަަށްތަރު ދޯންޏެއްކަމަށްލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައި.'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ

މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 18:03 ހާއިރުއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ، ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.