މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ހުޅުވާލުމާއެކު ޔާމީންގެ ކެނޑިޑެންސީ ފައިލް ކުރެވޭނެ ކަމަށެވެ. އެއާއެކު 48 ގަޑިއިރު ތެރޭގައި ޔާމީނުގެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމަން ސްޕްރީމް ކޯޓަށް ޖެހޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޔާމީނަށް ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޕީޕީއެމް، ޕީއެންސީގެ ސެނެޓުގެ އިއްތިފާގުން ފާސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ލައިވް ނުކުރާ ސަބަބު އޮޅުން ފިލުވުމަށް އެ ކޯލިޝަނުން ކްރިމިނަލް ކޯޓަށް ގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އިސް ގާޟީ އާ މިއަދު ބައްދަލު ނުކުރެއްވުނު ކަމަށާއި ތިން ދުވަސް ފަހުން އިސް ގާޟީ އަށް ސިޓީ ލިބުމުން، ޖަވާބެއް ދެއްވާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.