މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:10 ހާއިރު ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

މިއާއެކު، ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަނއްކާ ވެސް އިލްތިމާސް ކުރާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އާންމު ގޭބީސީތަކާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ސުކޫލުތަކާއި ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް އެގޮތަށް އަމަލުކުރުމަށް އެދިފައިވެއެވެ.

ސްޓެލްކޯ އިން ބުނީ ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއަރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއަރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުން އެދޭ ކަމަށެވެ.

މީގެ އިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައް ފިޔަވައި އިތުރު އާލާތްތައް މިދުވަސްވަރު ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ. އަދި މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާ ކަމުގައި ބުނެފައި ވެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ލަފާކޮށްފައެވެ.