ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ކަޑިޒް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ކަޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީގެ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ރެއާލް ނުކުންނަންޖެހޭތީ، ކޯޗް އެންޗެލޯޓީ ވަނީ ރޭ މެޗުގައި އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އާންމުކޮން ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނަށް ރެސްޓްދީފައެވެ. މިގޮތުން ރޭގެ މެޗުގައި ޓޯނީ ކްރޫސްއާއި، ވިނީސިއަސް އަދި ކަރަވަހާލް ކުޅެފައި ނުވެއެވެ. މޮޑްރިޗްއާއި ކަމަވިންގާ ވެސް ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ.
ރޭގެ މެޗުގައި ރެއާލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 34 ހަމަލާ އުފައްދާފައެވެ. އޭގެތެރެއިން ގޯލާއި އަމާޒުވެފައި ވަނީ އެގާރަ ހަމަލާއެކެވެ.
ރޭގެ މެޗު ރެއާލުން ޑޮމިނޭޓް ކުރިނަމަވެސް ލަނޑެއްޖެހިފައި ވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ޗުއަމެނީ ދިން ޕާހަކުން ކަޑިޒްގެ އޭރިއާ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ނަޗޯއެވެ. ރެއާލްގެ ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ.
މި މޮޅާއިއެކު ރެއާލުން ވަނީ އެއްވަނާގައި އޮތް ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ދެ ޓީމްގެ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ކުޑަކޮށްފައެވެ. ރެއާލަށް 29 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް ބާސާއަށް 28 މެޗުން ވަނީ 72 ޕޮއިންޓް ލިބިފައެވެ. މިރޭ ބާސާއާއި ގެތާފޭ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު 13 ޕޮއިންޓަށް ބޮޑުކުރުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!