"ކެމްޕޭން ފަންސައާހި" ގެ ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ.

މިއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރު (ޓެކްސް ކޮމްޕްލަޔަންސް) އިތުރު ކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިންގ ރޭޓް) އިތުރު ކުރުމުގެ ޚާއްސަ ކެމްޕޭނެކެވެ.

Ad
rt

މި ކެމްޕޭނުގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުމެވެ.

ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާއިރު، ޓެކްސްދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

މީރާއިން މި ފެށި ޚާއްސަ ކެމްޕޭނުގެ ދަށުން، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެއެވެ.

މީގެ އިތުރުން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް ފަހިކޮށްދޭނެއެވެ.

މިގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމޭލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާއި ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާކަމަށް މީރާ އިން ބުނެއެވެ.