ހިތްތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ. ހީބިހި ނަގަނީއެވެ. ތުރުތުރުލަނީއެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެނީ މިރޭ އަހަންނަށް އޭނާ ފެންނާނެ އިރަކަށެވެ. ފޮޓޯގްރާފަރުގެ އެދުމަށް އަހަރެން ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. އަދި ހަމަ އޭނާގެ އިޝާރާތަށް އަހަރެން ދެލޯވެސް މަރާލީމެވެ. ފުޅާ ހިނިތުންވުމެއްގައި އެނބުރިލުމަށްފަހު ލޯ ހުޅުވާލީ، އެސިފައެއް ދުށުމަށް ކެތްމަދުވެފައިވާ އަހަރެންގެ ވާންއުޅޭ އަނބިމީހާ މިރޭ ދެކިލާހިތުންނެވެ.

ދެލޯ ބޮޑުވެގެން ދިޔައީ މިއަދު އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވާތީއެވެ. ހުދުކުލައިގެ ވެޑިންގ ޑްރެސްގައި އޭނާ ފެންނަލެއް ހާދަ ހިތްގައިމެވެ. ރީތިކަމުގެ އިތުރު މިސާލެއް އަހަންނަށް އޭނާ ފިޔަވާ މިދުނިޔެމަތިން ފެނިފައެއް ނުވެއެވެ. ހިމަ އުނަގަނޑަކާއި ލޫޅާފަތި ހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ޤުދުރަތުން އޭނާއަށް ދެއްވާފައިވާ ހަމުގެ އަލި ކުލައެވެ. އަހަންނަށް އަބަދުވެސް ރީތި ހުދުދޮންކުލައެވެ. މޫނުމަތީގައި ކަޅުތިލައެއްހާ ހިސާބުވެސް ނެތް އެ އޮމާން މޫނަކީ ފޫހިކަމެއްނެތި ބެލޭ މޫނެކެވެ. ހިމަދިގު އިނގިލިތަކާއި މަޑުފުށްކޮޅެއްކަހަލަ އަތްތިލައިން މިރޭވެސް ދޫކޮށްލާހިތެއްނުވިއެވެ. އަހަރެންގެ ދެލޯ އެނޫން އެހެން ދިމާލަކަށް ނުދެއެވެ. އެންމެފަހުން ޖަޒްބާތުގެ ވަގުތުކޮޅެއް ވެރިވެ، ދެމީހުން ކައިވެނިވެވި އެކަކު އަނެކަކު ލޯބިން ގުޅިލާމެހުނުކަން ގާޟީ އިޢުލާންކުރައްވައިފިއެވެ. ޕާޓީ ފެށުނީ އެހިސާބުންނެވެ.

Ad
rt

ކައިވެންޏަށްފަހު އަހަރެމެން ދެމީހުން ދިރިއުޅެން ގަސްތުކޮށްފައިވަނީ އާއިލާއާ ވަކިންނެވެ. އެއީ އަނާ ބޭނުންވާގޮތެވެ. އަނާގެ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދިނުމަކީ އަހަރެންގެ ވަޢުދެކެވެ. އަދި އުފަލެއްވެސްމެއެވެ. އަހަރެންގެ މަންމައާ ބައްޕަގެ ގޭގައި ހިލޭ އުޅެވެން އޮއްވާ، މަހަކު ދިހަހާސް ރުފިޔާގެ އެޕާރޓްމަންޓެއް އަހަރެން ކުއްޔަށް ނެގީ އަނާގެ ހިތްހަމަޖެހުމަށެވެ. އަނާގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށެވެ. މަންމަމެން އެކަމާ ނުރުހުނެވެ. އެއީ ގޭގައި އަހަރެންގެ ކޮޓަރި ހުއްޓާ، ފައިސާ ޚަރަދުވާނެގޮތަށް އަހަރެން ކަންތައްކުރީތީއެވެ. ގޭގައި އުޅެނީ ހަމައެކަނި އަހަރެންގެ މަންމައާއި ބައްޕަ އެކަންޏެވެ. އެމީހުންނާ ވަކިން އުޅުމަކީ ހިތަށް އުނދަގޫ ކަމަކަށްވިޔަސް މިފަހަރު އަހަރެން އިސްކުރީ އަނާގެ އުފަލެވެ.

ހުޅުމާލެއިން އަހަރެން ކުއްޔަށް ނެގި އެޕާރޓްމަންޓާމެދު އަނާ ވަރަށް ހިތްހަމަޖެހުނެވެ. އެތަނަށް މަދުވާ އެކައްޗެއްވެސް ނުހުންނާނެއެވެ. ބަދިގެއިން ފެށިގެން ކޮޓަރީގެ ހުރިހާ ސާމާނެއްވެސް އަހަރެން ގަތީ ލޯނު ނަގައިގެންނެވެ. ހުރިހާ އެއްޗަކަށް ލޯނަށް ކަނޑާ، ގޭ ކުއްޔާއި ބިލްތައް ދައްކާފައި ބާކީ އޮންނާނީ އެންމެ ހާހެއް ކަމުގައި އަހަންނަށް ބުނެވުނީ ހާސްކަމާއެކުއެވެ. ލިބޭ ފައިސާއިން ދެކޮޅު ނުޖެހިދާނެތީއެވެ.

" ޝާއިން އެކަމާ ހާސްނުވޭ! އަހަރެން ގޭގައި ހުރެގެން ރުފިޔާ ހޯދާނަމޭ! އަހަރެން ބުނީމެއްނު ކޭކުވެސް އަޅަން އެނގެޔޭ! އެއީވެސް ވަރަށް ރުފިޔާ ލިބޭ މަސައްކަތެއް! "

ބޭންކް އޮފް މޯލްޑީވްސްގެ އެޕްލިކޭޝަނަށް ވަދެގެން އެކައުންޓް ޗެކްކުރަން އިންދާ އަނާ އައިސް ބުނެލިއެވެ. އަނާގެ އެ ޖުމްލައިން އަހަންނަށް ހިތްހަމަޖެހުމާ އުފާވެރިކަން ލިބުނެވެ. އަނާއާ ގުޅުން ބާއްވަންފެށިތާ ހަމަސްވުމާއެކު ކައިވެންޏާ ހަމައަކަށްދާން އެހާ އަވަހަށް އަހަރެން ބޭނުންވީ އަނާ އަހަންނަށް ގެއްލިދާނެތީއެވެ. އޭނާގެ ރީތިކަމަށް އެހެން ފިރެހެނަކު ދަހިވެތިވެ، އަހަރެންގެ އަތުން ޖަހައިގަނެދާނެތީއެވެ. އޮފީސް ރަޙްމަތްތެރިއެއްގެ ފަރާތުން އަހަންނަށް އަނާ ތަޢާރަފްވީ ކޮފީއަކުންނެވެ. ފުރަތަމަ ނަޒަރުން ހިތްދެވި، އަނާއަށް ލޯބިހުށަހެޅީވެސް ޚުދު އަހަންނެވެ.

" ނޭނގި ނަމަވެސް އަހަންނަށް މި ހޯދުނީ ހަމަ ގެވެހި އަނތްބެކޭ ދޯ! "

އެނދުމަތީގައި ފޯނު ބާއްވަމުން އަނާއާ ގާތްވެލަމުން އަހަރެން ބުނީމެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކަމުން ކާގަޑިތަކަށް އަހަރެން ދަނީ ބޭރަށެވެ.

" މިރޭ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ގަންނަންޖެހޭނެ ދޯ! އޭރުންނެއްނު އަނބިމީހާގެ އަތުން މީރު ކާއެއްޗެއްވެސް ކާލަން ލިބޭނީ! އަނާއަށް ކައްކަން އެނގެނީ ކޯއްޗެއްތަ؟ "

ފުރަތަމަ ފަހަރަށް އަހަރެން އެސުވާލުކޮށްލުމުން އަނާ ހިނިގަނޑެއް ޖަހާލިއެވެ.

" ޕިއްޒާ ކަހަލަ އެއްޗެހި އަޅަން އެނގޭ! ނޫޑްލްސްވެސް ވަރަށް މީރުކޮށް ކައްކަން! "

އަހަންނަށް އެވަރުންވެސް ފުދުނެވެ. އޭރުވެސް އަހަންނަށް ބެލެނީ ހަމަ އަނާއަށެވެ.

" ހޫމް.. ދެން އެވަރުންވެސް އޯކޭ އޭ! "

އަހަރެން އަނެއްކާވެސް އަނާއާ މޫނު ކައިރީކޮށްލީމެވެ.

" ބުނީމެއްނުދޯ ރަށުގަ އުޅެފަ މިދިޔަ އަހަރުގައޭ މާލެ އައީ! އޭރު އަހަރެން ހުންނަގޭ ދައްތަ ކައިރިން ކައްކަން ދަސްވި އެއްޗެހި އެއީ! ރަށުގަ މަންމަމެން ނުކައްކާނެ އެކަހަލަ އެއްޗެއްސެއް! އަބަދު ރިހާކުރާ ގަރުދިޔަޔާ ހަވާދުރިހަ ކަހަލަ އެއްޗެހި ރަށުގަ ކާން ޖެހޭނީ! ވަރަށް ފޫހިވޭ އެހެންވެ. މިހާރު ހަމަ މާލޭގަ އުޅޭހިތްވަނީވެސް.. އަހަންނަށް ޝާއިން ލިބުނުކަން އެއީ އަހަރެންގެ ނަސީބު! އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލަ ހަމަ..."

އަނާ އުފަލުން އޮވެ ވާހަކަ ދެއްކިއެވެ. އޭނާ އެހެން ބުނުމުން އަހަރެން ވަރަށް އުފާވެސްވިއެވެ.

***

ދުވަސްތައް ފާއިތުވަމުންދެއެވެ. މަހުގެ ފަނަރައަށް އެޅުނުއިރުގައިވެސް ފައިސާ ހޯދަން އަނާއަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތެވެ. ކޭކު އަޅަން ބުނެގެން ބައްޕަ އަތުން ދަރަންޏަށް ލާރި ނަގައިގެން އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައިދިނީމެވެ. އެހެނަސް އެވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް، ކުޑަދުވަސްކޮޅެއް ފަހުން ފަށާނަމޭ ބުނެ އޭނާ އެވާހަކަ އޮއްބާލަމުންދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ފެންވަރާލައިގެން ނިކުތްއިރު އަނާ އިނީ އެނދުމަތީގައެވެ. ފޯނާ ކުޅޭށެވެ. އަހަރެން ފެނުމާއެކު ހިނިތުންވެފައި އޭނާ ބަލާލިއެވެ. އެރީތި ހީލުމަށް އަބަދުވެސް ދަހިވެތިވެފައިވާ އަހަރެންގެ ހިތް އެވަގުތު ތެޅިގަތެވެ. އަދި އަނާގާތަށް ދިޔުމަށް މަޖުބޫރުކުރުވިކަހަލައެވެ.

" ބޭބް! ބަލާބަލަ އަހަރެންގެ ފްރެންޑް ގުރޭ ސުނޯ ފައިބާތާކަށް ގޮސްގެން އެއުޅެނީ! އެފްބީއަށް އަބަދު އެއަޅަނީ އެ ފޮޓޯތައް! އަހަރެންގެ ޑްރީމްއެކޭ އެއީ! ހިނގާ މިމަސް ނިންމާފަ ދާން!"

އަނާ ދެއްކި ވާހަކައިން އަހަރެންގެ ހިތް މަރާލިއެވެ. ލޯބިވާ އަނބިމީހާގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެއީ އަހަރެންގެ ފެންވަރެއް ނޫނެވެ. އެގޮތަށް އަހަރެން އަނާއަށް ވިސްނައިވެސް ދިނީމެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް އަނާ އެކަމެއް ޤަބޫލެއް ނުކުރިއެވެ.

" ތީ އަބަދުވެސް ބުނާ އެއްޗެއް! ފަހުން ފަހުން ފަހުން! ދުވަހަކުވެސް އެ ފަހެއް ނާންނާނެ.. ނުގެންދެވެންޏާ ނުގެންދިޔައީމަ ވީނު! ކައިވެނީގެ ކުރިން ކީ ހަނީމޫނަށްވެސް ދާނަމޭ! ވަރަށް ފޫހިވޭ!"

އަނާ އަނެއް ފަރާތަށް އެނބުރުނީ އަހަރެންދެކެ ރުޅި އައިސްގެންނެވެ.

***

އާދައިގެ މަތިން މިއަދުވެސް އަހަރެން އޮފީހުން އައީ އަނާއާއެކު ކާށެވެ. ކޮޓަރިއަށް ނުގޮސް އަހަރެން ބަދިގެބަޔަށް ދިޔައީ ކާއެއްޗެއް ހުރިތޯއެވެ. ސިޓިންގރޫމްގައި ހުރި ކާމޭޒުމަތީގައި އޮތް ބިސްކޯދު ހުސްއުރައަކާއި ހުސް ކޮފީ ޕެކެޓެއް ފިޔަވާ ކާއެއްޗެއްގެ އަސަރުވެސް ބަދިގެއަކު ނެތެވެ. އެއީ ހަމަ ކޮންމެ ދުވަހެއްގެވެސް އާދައެވެ.

ކަރުން ޓައީ ބާލަމުން އަހަރެން ގޮސް ކޮޓަރިއަށްވަނީމެވެ. އޭރުވެސް އަނާ އޮތީ ނިދާފައެވެ.

" ކާން މިއައީ! "

އަނާގެ ގައިގައި އަތްޖައްސާލާފައި އަހަރެން ބުނެލީމެވެ. އެއާއެކު އަނާ މޯޅިއަކަށް ދެމިލަމުން އަހަންނަށް ބަލާލިއެވެ.

" ލޯބި އައީތަ؟ އެހާ އަވަހަށް ހަތަރެއް ޖެހީ؟އަޅެ އޮފީހުން ކައިގެން އައިނަމައެއްނު! އެނގެއެއްނު އަހަރެން މީ އެހާ ކާމީހެއް ނޫންކަން!"

ފޫހި ގޮތަކަށް އަނާ އެހެން ބުނުމުން ޙަޤީޤަތުގައި އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ.

" އޮފީހުން ކައިކައި މިހާރު އެބިލަށްވެސް އެބައޮތް ވަރަށް ރުފިޔާ އަރާފަ! މުސާރަ ލިބޭއިރަށް އެބައި އުނިކުރާނެ! "

" އަހަރެން ވަރަށް ބޮލުގައި ރިއްސާތީވެ މިއޮތީ. އިރުކޮޅަކުން މި ތެދުވަނީ! ހިނގާ ދެމީހުން ބޭރަށް ކާންދާން"

އަހަރެންގެ ކަންބޮޑުވުންތައް އަނާއަށް ނުވިސްނެނީބާއޭ ހިތަށް އެރިއެވެ. ޚަރަދު ކުޑަކުރަން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަނާ އެއްވެސް ވަރަކަށް ވިސްނައެއް ނުލައެވެ.

" ކޮންމެ ފަހަރަކު ބޭރަށް ކާން ދާން ޖެހެނީ އަނާ ނުކައްކާތީވެ! ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެފަ އެހުރީ! ކީއްތަވާނީ އެއްޗެއް ރޯފިލުވާލިއްޔާ! އަހަރެންވެސް ކާހިތްވާނެދޯ އަނބިމީހާގެ އަތުން ކެއްކީމަ!"

އެހެން ބުނުމަށްފަހު އަވަސް އަވަހަށް އަހަރެން ފާޚާނާއަށް ވަނީމެވެ. ފާޚާނާއިން ނިކުތްއިރު އަނާ އޮތީ ފޯނާ ކުޅޭށެވެ.

" މިއަދު ނަމާދު ކުރިންތަ؟ "

ރޭގަ ނިދަންލީ ޓީޝާޓްގައި އަނާ އޮތްތަން ފެނުމުން އަހަރެން އަހާލީމެވެ. އޭނާ އިވޭކަމަށް ނެހެދުމުން ދެވަނަ ފަހަރަށް އަހަރެން އެސުވާލު ތަކުރާރުކޮށްލީމެވެ.

" ފެންވަރާލައިގެން ކުރާނަން! "

އަހަރެންގެ ރުޅި ފަޅައިގެން ދިޔައެވެ.

" ދެން އިތުރަށް އެކަމާ ބެހޭގޮތުން އަނާއަށް ބުނެދޭނެ އެއްޗެއް ނޯންނާނެ! ތީވެސް ހެޔޮ ނުބައި ވިސްނޭ ވަރުގެ އަންހެނެއް! "

އަހަރެން ޑްރެސިންގޓޭބަލާ ދިމާލަށް ކައިރިވީމެވެ. އެތަން ފެނި އަހަންނަށް އުނދަގޫވިއެވެ. އެއްވެސް ތަރުތީބެއްނެތެވެ. އަނާގެ މޭކަޕް ފިހިތަކާއި މާތައް ހުރީ އެކި ދިމަދިމާލުގައެވެ.

" ޕިސްޕިސްޕިސް! އަނާ ކައިރިވިއްޔާ މިތަން ހުންނާނީ މިގޮތަށް! ކީއްތަވާނީ އެންމެ ފަހަރަކުވެސް ތިރިއަށް ވެއްޓޭ ފުޅިއެއް ނެގިއްޔާ! އަހަރެންގެ އަތުން މިތަންވެސް ސާފުކުރެވޭ އަދަދު ނޭނގޭ! ހަމަ ދެން އަންނައިރު އޮންނަނީ މިގޮތަށް!"

ބަނޑުހައިވެފައި ހުރި ވަރުން އަހަރެންގެ ރުޅި އިތުރުވިއެވެ. ޑްރެސިންގޓޭބަލްމަތި ތަރުތީބުކޮށް އެނބުރިލިއިރު އަހަރެންގެ ލޮލުގައި އަޅައިގަތީ ދާވަށިގަނޑު ފުރިގެން މުށިތައްމައްޗަށް ފައިބާފައިހުރި އަންނައުނުތަކެވެ. އެއްޗެއް ނުބުނެ ގޮސް އެތަންވެސް ތާހިރުކުރީމެވެ.

" ދެން އެއީ އެވަރުގެ ކަމެއްތަ؟ ޝާއިންއަށް ކަމެއް ކޮށްލަން ޖެހުނިއްޔާ ތިވަރަށް އެއްޗެހި ގޮވާފަ ނޫނީ ހަމަ ނުކުރެވެނީތަ؟ "

އެނދުން ތެދުވަމުން އަނާ ބުނެލިއެވެ. އެގޮތެއް އަހަންނަކަށް ކަމަކު ނުދިޔައެވެ. އޭނާ އެގޮތަށް ކުދި ކިޔާއަޑު އަހަން އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކުވެސް އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ކެތްކޮށްލައިގެން ހުރީއެވެ.

" އަހަރެން ހީކުރީ ޝާއިންއާއެކު ވަކި ދިރިއުޅުމަކަށް އައީމަ ވަރަށް އަރާމް ދިރިއުޅުމެއް ލިބޭނެކަމަށް! އެކަމަކު ޝާއިންއެކޭ ރުޅިގަދަ މައިދައިތައެކޭ އެއްވަރު! ޝާއިން ގެއަށް އައުމަށްފަހު އަބަދުވެސް އިވޭނީ ކޮންމެވެސް ޗުކުޗުކެއް ތަޅުވާއަޑު! "

" އަނާ! "

ގައިގައި ހުރި ބާރެއްލައިފައި އަހަންނަށް އޭނާގެ ނަމުން ގޮވުނެވެ. އެއާއެކު ސިހިފައި އަނާ ބަލާލީ އަހަންނާދިމާލަށެވެ. އެހާ ބާރަށް އަނާއާ ވާހަކަ ދެއްކުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމާ އަހަރެން ދެރަވެސްވިއެވެ. އެހެންކަމުން އަހަރެން އަވަސް އަވަހަށް ކޮޓަރިން ނިކުތީ އިތުރަށް އެއްޗެކޭ ނުބުނަން ވެގެންނެވެ. ބޭރަށް ނިކުމެ، ބަދިގެއަށްވަނީ ހާސްކަން ފިލުވާލުމަށްޓަކައި ކޮފީއެއް ބޯލާށެވެ. އެވަގުތު އެއްލި ކަޅިއަކުން އަހަންނަށް ފެނުނީ ބަދިގެ ކަބަޑަކުން ރޮނގަލަށް ހިނި ނިކުންނަތަނެވެ. އަވަސް އަވަހަށް އަހަރެން އެ ކަބަޑު ހުޅުވާލީމެވެ. އެއާއެކު ކުނިވަސްގަނޑު ދުވަންފެށިއެވެ. ނޭވާ ހިފަހައްޓައިގެން ހުރެ އެތެރޭގައިހުރި ޑަސްބިން ބޭރުކޮށްލީމެވެ. ކުނިވަސް ދުވިޔަސް، ޑަސްބިން މަތިނެގީ އޭގައި ހުރީ ކޯއްޗެއްތޯ ބަލާލާށެވެ. އެތެރޭގައި އޮތީ ހުސް ފުޅައެވެ. ރީންދޫކުލައިގެ އަސަރު ފެނުމުން އަހަރެންގެ ހަނދާނަށް އައީ އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އޯޑަރ ކޮށްގެން އަނާ ގެނައި ބަތްގަނޑެއްކަމެވެ.

" ކޮން ކުނިވަހެއްތަ މިދުވަނީ! އައްޗީޑި! "

ނޭފަތުގައި އަތް އަޅައިގެން ހުރެ އަނާ ބުނެލިއެވެ. އަހަރެން އޭނާއަށް ދައްކާލީ އެ ޑަސްބިނެވެ.

" ގައިމު ކޮންމެ ރެޔަކު ބޭރު ސިޑި ކައިރިއަށް ކޮޓަރި ޑަސްބިންކޮތަޅު އެބަ ނެރެން.. މިތާ ހުންނަ ކުނިތައް އެބަ ނެރެން! ކީއްތަވާނީ މި ޑަސްބިނަށް އެއްޗެއް އެޅި ވާހަކަ ބުނެލަންވެސް.. ނޫނީ އަނާއަށްވެސް މި ނެރެލެވޭނެއެއްނު! "

ޒުވާބުކުރަން ބޭނުން ނުވާތީ އަހަރެން ވާހަކަ ދެއްކީ މަޑުންނެވެ. އޭރުވެސް އަނާހުރީ ދުވާ ކުނިވަހުން އުނދަގޫ ވެފައިކަން އަހަންނަށް އެނގެއެވެ.

" ހަނދާންނެތުނީއޭ! " ފަސޭހަކަމާއެކު އަނާ ބުނެލިއެވެ.

" ހަނދާން ނެތުނީކީ ނޫން! ފަރުވާ ކުޑައީ.. ފަރުވާކުޑަވީމަ މިހެން ވާނީ.."

ޑަސްބިން ބޭރަށް ހިޓްސްޕްރޭ ޖަހާލުމަށްފަހު ހިނިތައް މަރާލާ އަހަރެން އެތަން ސާފުކޮށްލީމެވެ. އަދި ޑަސްބިން ކުރިން ހުރިތަނަށް ލަމުން ބުނެލީމެވެ.

" އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ! އަނާ ތަންކޮޅެއް ހަރުދަނާ ވާންވެއްޖެ! ގެވެހި ވާން ދަސްކޮށްބަލަ!"

ސޯފާއާ ދިމާލަށް ހިނގައިގަތުމުން އަނާވެސް އައިސް ސޯފާގައި އިށީނެވެ.

" ޝާއިން އަހަރެންދެކެ ފޫހިވީދޯ މިހާރު! އަހަރެންދެކެ ފޫހިވާތީ ތިކަހަލަ ވާހަކަ ދައްކައިގެން އަހަންނާ ދުރަށްދާންދޯ ތިއުޅެނީ؟"

އަނާގެ ޖުމްލައިން އަހަރެންގާތަށް ހިނިއައެވެ. ކަންތައްތައް ރަނގަޅު ކުރަން ބުނުމުންވެސް އަނާގެ ވިސްނުން އެ ބެހެއްޓީ އެންމެ ނުބައިކޮށޭ ހިތަށް އެރިއެވެ.

" އަހަރެން އެއްފަހަރުވެސް ތިހެންނެއް ނުބުނަން! އަނާއަށް އެނގޭނެ އަހަރެން އަނާދެކެ ލޯބިވާވަރު! އަނާ ބުނިހާ ގޮތަކަށް އަހަރެން ހުރހާ ކަމެއްވެސް ކުރަމުންއައީ! އަހަރެން މި ބުނަނީ ކަންތައްތަކުގައި ފަރުވާތެރިވާށޭ! ގެވެހިވާންވީ! މިގެ ގެއަކަށް ހަދައިދޭންވީ! މީ ހަމައެކަނި އަނާގެ ތަނެއް! މިގޭގެ ވެރިޔަކީވެސް ތީ! "

އަނާ ރުޅި ނާންނާނެގޮތަށް ވާހަކަ ދައްކަން އަހަރެން މަސައްކަތްކުރީމެވެ. އެހެނަސް އަނާގެ މޫނުމަތީގެ ކުލަވަރުން، އޭނާ ހިތްހަމަ ނުޖެހިފައި އިންކަން ހާމަވެއެވެ. ހަމަ އެވަގުތެވެ. އަހަރެންގެ ފޯނަށް ބައްޕަ ގުޅަންފެށިއެވެ.

" ދަރިފުޅާ! މަންމަ ކުޑަކޮށް ބަލިކޮށް އުޅޭތީވެ، ކާއެއްޗެއް ގެނެސްދޭށޭ ބުނަންވެގެން މިގުޅީ! އަނާ ގާތު ބުނެލަންވީނު މަންމައާ ބައްޕައަށް ކެވޭ ކަހަލަ އެއްޗެއް ހަދާލަދޭށޭ!"

ބައްޕަ އެހެން ބުނުމުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މައިންބަފައިންގާތު ގޭގައި އުޅެވުނު ނަމައޭ ހިތަށް އެރިއެވެ.

" އާނ ބައްޕާ މާ ލަހެއް ނުވާނެ! އަހަރެން ދާނަން ހިފައިގެން.."

ފޯން ބޭއްވުމާއެކު ސުވާލުގެ ނަޒަރަކުން އަނާ އަހަންނަށް ބަލާލިއެވެ. ބައްޕަބުނި ވާހަކަ އަނާގާތު ބުނަން އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވެސްވިއެވެ.

" މަންމަ ބަލިވެއުޅޭތީ އެދެމީހުންނަށް އެއްޗެއް ކައްކާލަދޭށޯ! "

" އަޅެ މިއޮއްބޮޑު މާލޭގަ ރެސްޓޯރެންޓެއް ނެތީތަ؟ ކީއްތަވާނީ އޯޑަރ ކޮއްލިއްޔާ! ހުޅުމާލެއިން މާލެއަށް ކާ އެއްޗެހި އުފުލަން ވަކި ފަސޭހަވާނެތަ؟ "

ފުރަތަމަ ޖުމްލައިންވެސް އަނާގާތަށް އައީ ރުޅިއެވެ.

" މަންމައާ ބައްޕައަކީވެސް ލެޔާ ހަކުރު ހުންނަ ދެމީހުން! ވަރަށް ބަލައިގެން ކާނީ! އެހެންވެގެން އެ ގުޅީ! އަހަރެމެން ނޫން ދެން ކާކަށް އެމީހުން ގުޅާނީ؟"

އަސަރާއެކު އަހަންނަށް ވާހަކަ ދެއްކުނެވެ. މައިންބަފައިންގެ ޙާލަތާމެދު ހަމްދަރުދީ ވެވުނީއެވެ. ނަމަވެސް އަނާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

" ދެން ކޯއްޗެއްތަ ހަދަން ޖެހެނީ؟ "

ރުޅިއައިސް އިނދެ އަނާ އެހީ އަހަންނަށް ބަލާލަމުންނެވެ. އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން އަހަންނަށްވެސް އިނދެވުނީ ވީ ދެރައިންނެވެ.

" ލޮނުމަޑުކޮށް ގަރުދިޔަޔާ ބަތް އާންމުކޮށް މަންމަމެން ކާނީ! ދެން މަސްކޮޅެއް ފިހެލާނީ.."

" މަސްފިހާކަށް އަހަންނަކަށް ނޭނގޭނެ! " ސޯފާގައި ލެނގިލަމުން އަނާ ބުންޏެވެ. ހަމަ އެހާ ފޫހި ރާގަކަށެވެ. އަނާގެ އެ އަމަލުތަކުން އޭނާ ލައްވާ އެއްވެސް ކަމެއް ކުރުވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންކަމުން އެ މަސައްކަތްފެށީ އަހަންނެވެ. އޭރުވެސް އަނާ އިނީ އެ އިންތަނުގައެވެ.

" އެހާ ގިނައިރު އޮފީހުގައި އުޅެފަ، ދެން މަންމަގެއަށް ކާއެއްޗެހި އުފުލާފަ ޝާއިންއަށް އަހަންނަށް ދޭނެ ވަގުތެއް އެބައޮތްތަ؟ "

ތެދުވެގެން އައިސް އޭނާ ބުނެލިއެވެ. އޭރު އަހަރެން ހުންނާނީ ހަނޑޫދޮންނާށެވެ. އަހަރެން ހުރީ އަނާކުރި ސުވާލުގެ ޖަވާބުދޭން ބޭނުން ނުވެފައެވެ. ހީވާގޮތުން އަނާ އެއުޅެނީ ކޮންމެވެސް އެއްޗެއް ކިޔައިގެން އަނެއްކާވެސް އަހަރެން ރުޅިއަރުވާށެވެ.

" ނުކައްކާނަމެކޭ މަށެއް ނުބުނަމެއްނު! ޝާއިންގެ މަންމަގެ ކުރިމަތީގަ އަހަރެން ބޭޒާރު ކުރަންދޯ ތިއުޅެނީ؟" އަހަރެން ވާހަކަ ނުދެއްކުމުން އަނާ ބޭނުންވީ އަހަރެންގެ ބޯހާސްކުރާށެވެ.

" މަށެއް ނުބުނާނަމޭ މި ކެއްކީ މަށެކޭ! މަ ބުނާނީ އަނާއޭ ކެއްކީ!"

ބޮލަށް އުނދަގޫ ވެގެން އަހަންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އޭރުވެސް އަހަރެން ކަންތައްތައް ކުރާތަން ބަލަން އަނާ ހުރީއެވެ.

***

" އަނާއަށް އެނގޭތަ؟ މިމަހު ކުލި ދައްކާފަ ބިލްތައް ދައްކާނެ ލާރިއެއްނެތް! ހުރިހާ ކަމަކަށް އަދި ފަސްވަރަކަށް ހާސްރުފިޔާ ބޭނުންވޭ! "

އެނދުމަތީގައި އިށީނދެލަމުން އަހަރެން ބުނީމެވެ. އޭރު އޭނާ އޮތީ ވާހަކަ ފޮތެއް ކިޔާށެވެ.

" ތި ވާހަކަ އަހަރެންގާތު ބުނީމަ މަ ކޮންތާކުން ލާރިދޭނީ؟"

އަނާ ދިނީ ރުންކުރު ޖަވާބެކެވެ. އައި ރުޅީގައި އަނާގެ މޫނުމަތީގައި ވިހެލަފާނަމޭވެސް ހިތަށް އެރިއެވެ.

" އަހަރެން އެކަނި ކުރާ މަސައްކަތްކަން ހަނދާންކޮށްދިނީމި! ކޮންމެ ދުވަހަކު ބޭރުން ކާއެއްޗެހި ގެނެސްގެން ކެއުމާ އަބަދު ދަޅު ފުޅި އެއްޗެހި ގަތުމަކީ ބޭކާރު ޚަރަދު! ގޭގައި ކައްކަންފަށާބަލަ އަނާ! ހާސްބައި ޚަރަދު ކުޑަވާނެ!"

އަހަންނަށް ވާހަކަ ދެއްކުނީ ބާރަށެވެ. އަހަރެންގެ އަޑަށް، ކިޔަން އޮތް ފޮތް ލައްޕާލަމުން އަނާ އަހަންނަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

" މީހަކާ އިންނަންވާނީ އަނބިމީހާ ބެލޭނެވަރުގެ ތަނަވަސްކަން ހުރެގެން.. ގައިމު އިނުމުގެ ކުރިން ބުނި ތިމަންނަ ބައްޕައަށް ރުފިޔާ ލިބޭނެޔޭ ގޭގެ އެޕާރޓްމަންޓެއް ކުއްޔަށް ދީފަ ހުންނާތީ! އެއީ ޝާއިންގެވެސް ފައިސާއެއް ނޫންތަ؟ އެދެމީހުން އެ ލާރިތައް ކީއްކުރަންތަ ފޮރުވައިގެން އެތިބެނީ؟ ޝާއިން ކީއްތަވާނީ ބައްޕަ ގާތު ބުނެގެން އެފައިސާ ޝާއިންއަށް ލިބޭގޮތް ހެދިއްޔާ!"

އަނާގެ ވިސްނުން ހުރި ހިސާބުން އަހަރެންގާތަށް އިންތިހާއަށް ރުޅިއައެވެ. ފުންމައިގެން ތެދުވެ އަހަރެންވެސް ފެށީމެވެ.

" އަދިވެސް އެއްފަހަރު ހަނދާންކޮށްދެން! އަހަންނަކީ އެމީހުންގެ ހުރި ހަމައެކަނި ދަރި! އެމީހުންނަށް ފައިސާ ލިބޭތޯ ނުލިބޭތޯ އަހަރެން ބަލާކަށް ނުޖެހޭނެ! އަހަރެން އަނާ ގޮވައިގެން އައިސް މިތާ މިއުޅެނީ އެދެމީހުން އެކަނިމާއެކަންޏަށް ދޫކޮށްލާފަ.. މަންމަމެން އާދޭސްކުރި އެގޭގަ އުޅެން.. އެތަނުގައި އުޅުނުނަމަ އަހަންނަށް ޔަޤީން އެއްވެސް ޚަރަދެއް އަހަރެން ކުރާކަށް ނުޖެހުނީސް. އަހަރެންގެ މުސާރަ ހުރިގޮތަށް ހުރީސް ! އެންޖޯއީވެސް ކުރެވުނީސް! ސުނޯ ފައިބާ ތަންތަނަށްވެސް ހަނީ މޫނަށްވެސް ދެވުނީސް! އެކަމަކު ވަކިން އުޅެން ނިންމީ އަނާ! މިގޮތް ބޭނުންވީވެސް އަނާ! އެހެންވީމަ މިތަނަށް އައިސްގެން ކުރަންޖެހޭ ޚަރަދުތައް ކުރަން ބައްޕަމެން އަތުން ލާރިހޯދަން އަހަރެން ލަދުގަނޭ! އަހަރެން ލައްވާ ތިކަން ކުރަން ނޫޅޭ!"

އެހެން ބުނުމަށްފަހު އަހަރެން ނިކުތީ މަންމަގެއަށް ދާށެވެ.

***

އޮފީހަށް ދާން ފެންވަރައިގެން ނިކުމެ އަލަމާރި ބަލާލިއިރު އަހަރެންގެ އެއްވެސް ގަމީހެއް ނެތެވެ. އަލަމާރި ތިރީ ކަބަޑުގައި ބޮނޑިކޮށްފައި ހުރި އެއްޗެހިތައް ހާވައިގެން ބެލިއިރުގައިވެސް އޮފީހަށް ދާންލާ އެންމެ ގަމީހެއްވެސް ނެތެވެ. ގަޑި ބަލާލިއިރު ބާކީ އޮތީ ފަނަރަ ވަރަކަށް މިނެޓެވެ. އަހަންނަށް ދެން ބަލާލެވުނީ އަނާއާ ދިމާލަށެވެ.

" އަނާ! އަނާ! އަހަރެން އޮފީހަށްދާންލާނެ ގަމީހެއް ނެތީތަ؟ "

އަހަރެންގެ އަޑަށް އަނާ ފުރޮޅިލިއެވެ. އަދި ގަދަކަމުން ދެލޯ ހުޅުވާލަމުން ނިދި އަޑުން ބުނެލިއެވެ.

" އޫމް.. ގަމީހެކޭ! ނޭނގެ! ނެތްތަ؟ "

ތުވާލި އަނދެގެން ހުރެ، ގައިގައި ލޯޝަންލާން ހުރެ އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

" ނެތީމަތާ އަހަރެން މިއަހަނީ! "

" އެހެންވިއްޔާ ގަމީސްތައްވާނީ ދާވެފައެއްނު! ކޮންމެ ދުވަހަކު އައިސް ބާލާފަ އެއަށް ލާމީހާ އަކަށް ނޭނގުނުތަ؟ "

ބޯހިއްލާލަމުން އަނާ ބުނެލިއެވެ. އަތުގައި ހުރި ލޯޝަންފުޅި ބާރުބާރަށް ބަހައްޓަމުން އަހަރެން ބުނީމެވެ.

" ނޫނޭ ވާ ހީވާގި އަންހެނެއްތީ! އަންނައުނު ދާވީމަ ދޮންނަނީ އަހަރެން! ހިކުނީމަ އަލަމާރިއަށް އަޅަނީ އަހަރެން! އަހަރެންގެ އެއްޗެހި އިސްތިރިކުރަނީ އަހަރެން! ހަމައެކަނި މި ހަފްތާ އަހަންނަށް އެކަން ނުވީ! އެއްކަމެއް ނުކުރިޔަސް އޮފީސް އެއްޗެހި ތައްޔާރުކޮށްދޭށޭ އަހަރެން އަބަދުވެސް ބުނަން! އެކަމަކު އަނާއަށް އެކަންވެސް ވީ ބޮޑުކަމަކަށް"

ރުޅި އައިސް ހުރެ އަހަރެން ގޮސް ޓީޝާޓެއް ނަގާ ގަޔަށް މަހާލީމެވެ. ލާނެ އެއްޗެއް ނެތިގެން އޮފީހަށް ނުގޮސް ހުންނަން ޖެހުމުން އަހަރެން ވަރަށް ދެރަވިއެވެ. ދާވަށިގަނޑު ހިފައިގެން ދޮންނަން ދިޔައިރު އަހަންނަށް ހުރީ ރޮވޭގޮތްވެފައެވެ. ދުވަހަކުވެސް އޮފީހަށް ސަލާމެއް ނުބުނަމެވެ. ގަޑިއެއް ނުޖެހެމެވެ. ނަމަވެސް އަހަރެންގެ ޙަޔާތަށް އަނާ ގެނައިފަހުން އަހަރެންގެ ހުރިހާ ކަމެއް ބޮއްސުންލައިފިކަން އަހަންނަށް އިޙްސާސްކުރެވުނެވެ. އަނާއާ ކައިވެނި ކުރުމުގެ ކުރިން އަހަރެންގެ ބަލިބަލި މަންމަ އަހަރެންގެ ހުރިހާކަމެއް ބަލަހައްޓައިދިނެވެ. ދުވަހަކުވެސް އެއްޗެއް ނުބޮއި އޮފީހަކަށް ނުދަމެވެ. ބޭރަކުން ނުކަމެވެ. އެ ޚިޔާލްތަކުގައި ހުރެ މެޝިން ޖެއްސުމަށްފަހު އަހަރެން އެނބުރިލި އިރު ކުރިމަތީގައި ހުރީ އަނާއެވެ.

" ދެން ކެތެއް ނުވާނެ! "

ފެންކަޅި ވެފައި ހުރެ އަހަންނަށް ބުނެލެވުމާއެކު އަނާގެ މޫނުމަތީގައި ސުވާލުމާކުޖެހުނުކަން އަހަންނަށް އެނގުނެވެ.

" އެއީ އެހާވަރުގެ ކަމެއްތަދެން؟ މާ ކަންތައް ބޮޑުކުރަނީ ޝާއިންވެސް.."

ފޫހިވެފައި ހުރެ އަނާ އެހެން ބުނުމުން އަހަރެންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.

" އަހަރެން އަނާއާ އިނީ ވަރަށް ފޮނި އުންމީދުތަކެއްގައި! އެކަމަކު.. އަނާއަކީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި! އެހެންވެ... ދެން އަހަރެން ބޭނުމެއްނޫން އަނާއެއް! އަހަންނަކަށް ދެނެއް ކެތެއް ނުވާނެ! މާދަމާ ފުރާ ބޯޓަކުން ރަށަށްދާން ތައްޔާރުވޭ! ތިހުރީ ވަރިކޮށްފަ!"

ފަސޭހަކަމާއެކު އެހެން ބުނުމަށްފަހު އަހަރެން ވަނީ ކޮޓަރިއަށެވެ.

" ހޭ.. އޭ އޭ! އަހަރެން ވަރިކުރީތަ؟ އަހަރެން ދޫކޮށްލީތަ؟ "

ރޮއިގަނެފައި އަނާ އަހަރެންގައިގައި ބައްދައިގަތެވެ. ނަމަވެސް ބާރުބާރަށް އަހަރެން އޭނާ ދުރަށް ކޮއްޕާލީމެވެ. އަދި އަލަމާރީގައި ހުރި އަނާގެ ހުރިހާ ސާމާނެއް މުށިގަނޑުމައްޗަށް އަޅާލުމަށްފަހު އޭނާގެ ފޮށި ގެނެސް އަޅައިދިނީމެވެ.

" އުޅެން ނޭނގުނު މީހަކަށް ގިނަ ދުވަހު ވިސްނައިދޭން އުޅުމަކީ ބޭކާރުކަމެއް! ތިމާއަށް ލިބިފައިވާ ރީތިކަމަކީ އެއްވެސް އެއްޗެއް ނޫންކަން މިހާރު އެނގިފަ ހުންނާނީ! އަންހެނެއްގެ ކިބައިގައިވާ ރީތިކަމަކީ އޭނާގެ އަޚްލާޤް. ކިޔަމަންތެރިކަން. އަދި ވާހަކަ ދައްކާ ބަސްމަގާ ގެވެހިކަން! ފިރިންނަށް ކުރާ އިޙްތިރާމް! އަނާގެ ކިބައިގައި މިއިން އެއްވެސް ކަމެއްނެތް! އަހަންނަކަށް ތިކަހަލަ މީހަކާ އެކު ނޫޅެވޭނެ! ނުވާނެ! ނުވާނެ! "

އަހަރެންގެ އެންމެ ފަހުގެ ނިންމުން ބުނީމެވެ. ޤަބޫލު ކުރުން ނޫން އިތުރު ގޮތެއް ނެތްކަން އަނާއަށް އެނގުމުން އޭނާ މައިތިރިވިއެވެ.

" ބުނަންތަ؟ މީހެއްދެކެ ފޫހި ވެވިއްޖެއްޔާ އަލުން އަމީހެއްދެކެ ލޯތްބެއްވެސް ނުވެވޭނެ! އެމީހެއްގެ ހުރި ރީތިކަމެއްވެސް ނުފެންނާނެ! އަހަރެން މިހާރު އަނާދެކެ ވަރަށް ފޫހިވޭ!"

އަނާގެ މޫނާ، މޫނު ކައިރިކޮށްލަމުން އެހެން ބުނުމަށްފަހު ކޮޓަރިން ނިކުތީ އަހަރެންގެ ޙަޔާތުން ތާއަބަދަށް އަނާ ބޭރުކޮށްލައިގެންނެވެ. ނަމަވެސް ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ.

( ނިމުނީ)

(ނިމުނީ)