އަންހެނުން ބާރުވެރިކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވަނީ މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި ފަރާތްތަކަށް އެ ވޯޑު ހަވާލުކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނެއެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ އެވޯޑެކެވެ.

ރެހެންދި އެވޯޑް ޙާޞިލުކުރުމުން އެމްޓީސީސީ އަށް ތަހުނިޔާ ދަންނަވަމުން ރައީސް ރޭ ވިދާޅުވީ، ޙަޤީޤަތުގައިވެސް އަންހެނުން ބާރުވެރިކުރުމުގައި، އެ ކުންފުނީގެ ފަރާތުން ކުރަމުން އެ އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށެވެ. އަދި ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެ ކަމަށް، ކުރިން ޤަބޫލުކުރަމުން އައި ކިތަންމެ ދާއިރާއަކަށް އެ ކުންފުނިން ވަނީ އެތައް އަންހެނުންނެއް ނެރެދީފައިކަމަށް ވިދާޅުވިއެވެ.

''ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެ ކަމަށް، މީގެ ކުރިން ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ. އަދި ލޯންޗް ކެޕްޓަނުންގެ ވަޒީފާގައި އަންހެނުންނަށް އުޅެވޭނެ ކަމަކަށް ވެސް ގިނަ ބަޔަކު ކުރިއަކުންނެއް ޤަބޫލެއް ނުކުރޭ. ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫންކަން އެމް.ޓީ.ސީ.ސީ. އިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީ ތަފާތުތައް ނައްތައިލުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށެވެ.

''އެކަމަށްޓަކައި އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި، ހީވާގި ހިންގުންތެރިންނަށް، އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ ރެހެންދި އެވޯޑުގެ ތެރެއިން މި އަހަރުގެ ރެހެންދި އެވޯޑް ރޭ ޙާޞިލުކުރި ބޭފުޅުންނަކީ، ރުޤިއްޔާ އިބްރާހީމް، ޙުސްނާ ފަހުމީ، އާމިނަތު އިބްރާހީމް، ރަޝީދާ އިބްރާހީމް، ޒީނާ ޒާހިރު އަދި ޢާއިޝަތު ޝިމާނީ އެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.