ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިޤްތިޞާދު ސިންދަފާތު ކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިޢާޔަތް ކުރެވިފައިވާނެ ކަމަށާއި، އަދި އެކަންކަމާ ގުޅުވައިގެން، ލާމަރުކަޒުކޮށް މަސައްކަތް ކުރުމަށްވެސް ހިމަނާފައިވާނެ ކަމަށެވެ.
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް، މިދިޔަ އަހަރު ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށާއި، އެ ޕްލޭންގެ 5 ލަނޑުދަނޑީގެ ތެރެއިން އެއް ކަމަކީ، އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ މުޖްތަމަޢުގައި ގެންގުޅެމުން އައި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ރޭވިފައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
''ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވައިލާފައިވާ މަތީ ފެންވަރުގެ ސްޓިއަރިންގ ކޮމިޓީއެއްވެސް އެބައޮތް. އެ ކޮމިޓީގައި ވަޒީރުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުގެ ވެރިންގެ މަޝްވަރާއާއެކު، އެކްޝަން ޕްލޭންގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ 3 ވަނަ ލަނޑުދަނޑިއަކީ، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލްގެ ނަމުގައި ނިޒާމެއް އެކުލަވައިލުމަށް، ސްޓިއަރިންގ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ނިޒާމުގެ މައިގަނޑު މަސައްކަތަކީ، މިންތީ މަޞްލަޙަތުތައް ދެމެހެއްޓޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަށް އިދާރީގޮތުން ކުރާ ކަންތައްތައް ހަރުދަނާކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި، މިންތީ ހަމަހަމަކަމަށް ވަކާލާތުކުރާނެ ވިއުގައެއް ޤާއިމުކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑުމެން މިހާތަނަށް ދައްކަމުން މި އަންނަނީ، އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ވާހަކަ. އަންހެނުންނަށް ވަޒީފާތައް ހޯދައިދޭންޖެހޭ ވާހަކަ. އަންހެނުން މަޤާމުތަކަށް އިންތިޚާބު ކުރަންޖެހޭ ވާހަކަ. ނަމަވެސް، ހަމައެކަނި ފުރުޞަތާއި ވަޒީފާގެ ވާހަކައިން، އަޅުގަނޑުމެން ހޯދަން މި އެދޭ މަންޒިލެއް ނުފެންނާނެ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެން ދައްކަންވީ، ކަންކަން ނިންމުމުގެ މަރުޙަލާގައި، އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަ ކަމަށެވެ. އަދި ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
''ސަރުކާރުގެ ތެރެއިންވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަޤާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ޚިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،'' ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިޢާޔަތް ކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް މިހާރު ވަނީ ކަނޑައެޅިފައި ކަމަށާއި، އަދި އެކިއެކި އިދާރާތަކުން ކުރާ މަސައްކަތްތައް ވަޒަންކުރެވޭނެ މިންގަނޑުތަކެއްވެސް ވަނީ ކަނޑައެޅިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
''އެހެންކަމުން، މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!