މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޤާއިމުކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އެވެ.

Ad
rt

މި ސެންޓަރަކީ ސަރުކާރުގެ ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން، އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

މި ކިޑްސް ކެއާ ސެންޓަރުގައި، ކުދިންނަށް ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މި ކިޑްސް ކެއާ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު މި ތަނަކީ 30 އާއި 40 އާއި ދެމެދުގެ ޢަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ. މިތަނުގެ ޚިދުމަތް އެމްޕީއެލް ގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާއިރު މިތަން ހުޅުވިފައި ހުންނަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތަށާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ވެސް ފަހިކޮށްދެއްވާފައެވެ.