މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެ ކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އަދި ޙައްޖު ޖާގަ ކަށަވަރުވާ ކަމަށް ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ވަނީ ޙާއްސަކޮށްފައެވެ.

Ad
rt

މިގޮތުން 09 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް ޙާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް 21 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން މިއަހަރު ވަނީ 1000 ކޯޓާ ދެއްވާފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުން އެއްކޮށް އަރައި ނުގަނެވޭތީ 2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ދީފައި ވަނީ 453 ކޯޓާއެވެ.