އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޓޮޓެންހަމުން ފުރުޞަތުގެ ބޭނުން ހިފައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ 3-1 ގެ ނަތީޖާއިން ފޮރެސްޓްގެ މައްޗަށް ކުރި ހޯދާފައެވެ.
ޕޮއިންޓް ތާވަލުގެ ފަސްވަނާގައި އޮތް ލިވަޕޫލް ރޭ ބޯންމައުތު އަތުން ބަލިވިއިރު، ހަތަރުވަނާގައި އޮތް ޓެޓެންހަމް މޮޅުވުމުން މި ދެ ޓީމްގެ ދެމެދު އޮތް ފަރަގުވަނީ ހަ ޕޮއިންޓަށް ބޮޑުވެފައެވެ. ޓޮޓެންހަމް ހަތަރުވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. ފަސްވަނާގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 26 މެޗުން 42 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޕެޑްރޯ ފޮރެސްޓްގެ ގޯލު ކުރިމައްޗަށް މަތިން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައި ވަނީ ހެރީ ކޭން އެވެ.
ޓޮޓެންހަމްގެ ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ވެސް ކޭން އެވެ. ޓޮޓެންހަމަށް މި ޕެނަލްޓީ ލިބިފައި ވަނީ ފޮރެސްޓްގެ އޭރިއާތެރެއިން އެ ޓީމްގެ ޖޯ ވޮރާލް ޓޮޓެންހަމްގެ ރިޗާލިޝަންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ޓޮޓެންހަމްގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސޮން އެވެ. ސޮން މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ރިޗާލިޝަން ފޮރެސްޓްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ތިރިން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގައި ފޮރެސްޓުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 81 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެ ޓީމްގެ ފެލިޕޭ ޓޮޓެންހަމްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައި ވަނީ ޖޯ ވޮރާލް އެވެ
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ފަރަގު ކުޑަކުރަން ރަނގަޅު ފުރުޞަތެއް ވަނީ ފޮރެސްޓަށް ލިބިފައެވެ. ޓޮޓެންހަމްގެ އޭރިއާތެރެއިން އެ ޓީމްގެ ކްލުސެވްސްކީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ވީއޭއާރުން ބެލުމަށް ފަހު ފޮރެސްޓަށް ޕެނަލްޓީއެއް ދީފައެވެ. އެ ޓީމްގެ އަޔޫ ފޮނުވާލި ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރ ފޯސްޓާ ވަނީ މަތަކޮށްފައެވެ.
ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި އޮތް ޓޮޓެންހަމާއި ފަސްވަނާގައި އޮތް ލިވަޕޫލް ގަދަ ހަތަރަކަށް ވާދަ ކުރަމުން އަންނައިރު، މިވަގުތު ހަ ވަނާގައި އޮތް ނިއުކާސަލްއަކީ ވެސް ގަދަ ހަތަރަކަށް ވާދަ ކުރަމުން އަންނަ ޓީމެކެވެ. ޓޮޓެންހަމް މިހާތަނަށް 27 މެޗު އަދި ލިވަޕޫލް މިހާތަނަށް 26 މެޗު ކުޅެފައިވާއިރު ނިއުކާސަލް ކުޅެފައި ވަނީ 24 މެޗެވެ. ނިއުކާސަލް 24 މެޗުން 41 ޕޮއިންޓް ހޯދާފައިވާއިރު، މެޗު ހަމަވާއިރު ނިއުކާސަލުން އެ މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރެފިނަމަ އެ ޓީމް ގަދަ ހަތަރަކަށް އަރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!