ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރިއަށް އޮތް ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކަނބަލުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާނަށް އަހުލުވެރި ކުރުވުމެވެ.
މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ބޮޑެތި މީހުންނަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. މިގޮތުން ހިމެނޭ ދެ އުމުރު ފުރާއަކީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރު ފުރާއާއި 35 އަހަރުން މަތީގެ އުމުރު ފުރާއެވެ.
މި ކޮންމެ އުމުރުފުރާއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވައި ފައިސާގެ އިނާމް ދިނުމަށް ނިންމާފައިވާއިރު، އެއްވަނައަށް 1500 (ފަނަރަ ސަތޭކަ) ރުފިޔާ، ދެވަނައަށް 1000 (އެއްހާސް) ރުފިޔާ އަދި ތިންވަނައަށް 500 (ފަސްސަތޭކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުމުންދޫ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމަށް އިންތިޒާމް ކުރާ ފަރާތުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ފޯމް ލިބިލައްވާނީ ކުމުންދޫ ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!