މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އުތީމް ހޯދައިފިއެވެ.
މިރޭ ހއ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އުތީމާއި ފިއްލަދޫއެވެ. މި މެޗު އުތީމުން ވަނީ 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފިއްލަދޫންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ފިއްލަދޫއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އިހުވާން އެވެ.
ފޮޓޯ: އުތީމު ޓީމު
މެޗުގެ ދެވަނަ ހާފު ފިއްލަދޫ ލީޑުގައި އޮވެ ފެށި ނަމަވެސް، ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގެ ތެރޭ އުތީމުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އުތީމާށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އައިހަމްއެވެ.
މެޗުން އުތީމް މޮޅުވި ލަނޑު ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 6، ރިޝްވާން އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް އުތީމް ގެ އައިހަމް ހޮވުނުއިރު، މުބާރާތުގައި ހަ ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ވަށަފަރު ޓީމްގެ ޖޯޒީ ނަމްބަރު 13، ސާޖިދު ރަޝީދުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއްލަދޫ ޓީމްގެ ޖޯޒީ ނަމްބަރު 30، މުޙައްމަދު ހުޝާމްއެވެ.
މިއީ ގޯލްޑެން ފުޓްސަލް ޗެލެންޖް ފުޓްސަލް މުބާރާތުގައި އުތީމް ބައިވެރިވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!