ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ރައީސް ޔާމީން ދައުރުގެ ތިން ނައިބު ރައީސުންކުރެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވަނީ ވިދާޅުވެފައެވެ.
''ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. އިންޝާﷲ، ކާމިޔާބުވާނެ'' އެ ޙުކުމް އިސްތިއުނާފް ކުރިކަން ހާމަކުރައްވައި ޖަމީލް ކުރެއްވި ޓްވީޓްގައިވެއެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ވަކި ގޮތެއް ނިންމިކަން އަދި އިނގިފައެއް ނުވެއެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުން ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފަވެއެވެ.
އެ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!