ބައެއް ކައުންސިލްތަކުގެ ލަފަޔާއި ޚިލާފަށް އެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން ޢައްޔަނު ކުރުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން މިހެން ވިދާޅުވެފައި ވަނީ ހއ. އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނުކުރުމުގައި އިހަވަންދޫ ކައުންސިލްގެ ލަފަޔާ ޚިލާފަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ ކައުންސިލަށް އެސްޖީއެއް ޢައްޔަނު ކުރެއްވި މައްސަލައައާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައެވެ.

Ad
rt

މި ސިޓީގައި އެލްޖީއޭއިން ވިދާޅުވެފައި ވަނީ އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނު ކުރުމަށް ސީއެސްސީން އިހަވަންދޫ ކައުންސިލްގެ ލަފަޔަކަށް އެދުމުން އެ ކައުންސިލްގެ ޢާންމު ޖަލްސާއަކުން އެ ކައުންސިލްގެ އެސްޖީއަކަށް ޢައްޔަނު ކުރުމަށް ސީއެސްސީން ކަނޑައަޅާފައިވާ ފަރާތް އެ މަޤާމަށް ޢައްޔަނުކުރަން ނުފެންނަ ކަމަށް ނިންމައި، އެކަން ކޮމިޝަނަށް އެންގެވިކަން އިހަވަންދޫ ކައުންސިލުން އެލްޖީއޭއަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިހަވަންދޫ ކައުންސިލުން އެ ކަން އަންގާފައި ވަނީ ސަބަބެއް ބަޔާންކުރުމެއް ނެތިކަމަށް ބަޔާންކޮށް އެސްޖީއަކަށް އައްޔަނު ކުރަން ނިންމި ފަރާތް އެ މަގާމަށް އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ސީއެސްސީން، އިހަވަންދޫ ކައުންސިލަށް އަންގާފައިވާކަން އިހަވަންދޫ ކައުންސިލްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ ލަފަޔާއެކު ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރާނީ ސީއެސްސީން ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އިހަވަންދޫ ކައުންސިލަށް އެސްޖީއެއް އައްޔަނުކުރީ އެ ކައުންސިލްގެ ނިންމުމަށް ރިޢާޔަތް ކުރުމެއްނެތި، އެ ކައުންސިލްގެ ލަފަޔާ ޚިލާފަށް އިހަވަންދޫ ކައުންސިލްގެ ސިޓީގައި ބަޔާންކޮށްފައި ވާކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެފަވެއެވެ.

''އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ޘަޤާފީގޮތުން ރަށްރަށުގައި އުޅޭ ރަށްޔިތުންގެ ފެންވަރުމަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި އެންމެ ގާތުން، ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގައި އަމާންވެއްޓެއް ގާއިމު ކުރުމަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ'' އެލްޖީއޭއިން ވިދާޅުވެފަވެއެވެ.

މިގޮތައް ޤާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ބައެއް ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރުމުގައި ކައުންސިލްތަކުގެ ލަފަޔާއި ޚިލާފްވުންތައް ހުރުމުގެ ސަބަބުން ޤާނޫނުގެ މަޚްފޫމާއި އެއްގޮތައް ކައުންސިލްތައް ހިންގުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ކުރިމަތިވުމާއި، އެސްޖީންނަށް ކައުންސިލްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމާއި، ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމަކަށް އައުންފަދަ ކަންކަން ދިމާވެ، އަދި އެފަދަ މައްސަލަތައް ހައްލު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށް އެލްޖީއޭގެ ސިޓީގައި ވިދާޅުވެފަވެއެވެ.

''މީގެ އިތުރުންވެސް ޤާނޫނުގައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި، ޤާނޫނު ތަންފީޒުކުރުމަށް ހުރަސްތައް ކުރިމަތިވުމާއި، އާންމުން މި ނިޒާމަށްކުރާ އިތުބާރު ކުޑަވެގެންދާކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ ލަފަޔާއި ޚިލާފަށް އިދާރީ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްތަކަށް އެސްޖީން ހަމަޖެއްސުމުން، ކައުންސިލްތަކާއި ތިޔަ ކޮމިޝަނާ ދެމެދު ދެބަސްވުންތައް އުފެދި، މިކަމާއި ގުޅިގެން ދައުލަތައް މާލީ ގެއްލުން ލިބޭ ނިންމުންތައް ކަމާބެހޭ އިދާރާތަކުން ނިންމަމުންދާކަން މި އޮތޯރިޓީއަށް ފާހަގަ ކުރެވިފަވެއެވެ.'' އެ ސިޓީގައި އެލްޖީއޭއިން އިތުރަށް ވިދާޅުވެފަވެއެވެ.

ލާމަރުކަޒީ ގާނޫނުގައި އެސްޖީންނަށް ވަކި މާއްދާއެއް ކަނޑައެޅި، ބަޔާންކޮށްފައި ވުމުގެ އެންމެ މުހިއްމު މަގުސަދަކީ ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމާއި ކައުންސިލްގެ މަސައްކަތްތައް ހަލުވިކަމާއެކު ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޚިޔާލް ތަފާތުވުންތަކާއި ދެބަސްވުންތައް ހަމަމަގަށް އެޅުވުމާއި، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނިންވާ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި އިދާރީ މަސައްކަތް ބެލެހެއްޓުންކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވެފަވެއެވެ.

''ވީމާ، ގާނޫނުން ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ފަސޭހަކަމާއެކު އަދާކުރެވޭނޭ ގޮތެއްގެ މަތިން އިދާރީ މަސައްކަތްތަކާއި، ޚިދުމަތްތައް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން ޤާނޫނުގެ ރޫހާ އެއްގޮތައް ކައުންސިލްތަކަށް އެސްޖީން އައްޔަނުކުރުމުގެ ކަންކަން ކުރުމަކީ މި އޮތޯރިޓީން ވަރަށް ބޮޑަށް އެދޭ ކަމަކަށްވާތީ ދެންނެވީމެވެ.'' އެލްޖީއޭގެ ސިޓީގައި ވިދާޅުވެފަވެއެވެ.