ބޮޑުތިލަދުންމަތީގެ އެތައް ދަރިންތަކެއް ބިނާކޮށް، ބިނާކުރަމުންދާ ކުޅުދުއްފުށީ ސިޓީ، ޖަލާލުއްދީން ސްކޫލްގެ ރިހިޔޫބީލްގެ މުނާސަބާގައި ފޮތެއް ނެރެފިއެވެ.

ޖަލާލުއްދީން ސްކޫލަކީ 1998 ވަނަ އަހަރު ހުޅުވައި، ކިޔަވައިދޭން ފެށި ސްކޫލެކެވެ.

Ad
rt

މި ސްކޫލްގެ ރިހިޔޫބީލާއި ގުޅިގެން އެ ސްކޫލުން ނެރުނު ފޮތުގައި އެ ސްކޫލްގެ ތާރީޚީ މުހިންމު ގިނަ މައުލޫމާތުތަކެއް ހިމަނާފަވެއެވެ. މީގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުންނާއި، ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ބެސްޓް އޯލްރައުންޑްކަން ހޯދި ދަރިވަރުންނާއި، ސްކޫލްގެ ކާމިޔާބީ ތަކާއި، ސްކޫލުން އުނގެނުނު ދަރިވަރުންގެ ޢަދަދުތަކާއި، އަދި ސްކޫލްގެ ހަރަކާތްތަކުގެ މުހިންމު ފޮޓޯތައްފަދަ މައުލޫމާތުތައް ހިމަނާފަވެއެވެ.

މި ފޮތް ލިޔެެއެކުލަވާލާފައި ވަނީ ޖަލާލުއްދީން ސްކޫލްގެ ލީޑިން ޓީޗަރ މުހައްމަދު ހުސައިން އެވެ. މި ފޮތުގެ ލޭއައުޓް އަދި ޑިޒައިން ހަދާފައި ވަނީ އެ ސްކޫލްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ ހުސައިން ޔޫސުފް އެވެ.

މި ފޮތުގައި ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ 25 އަހަރުގެ ދިގު މުއްދަތަށް ބަލާއިރު ޖަލާލުއްދީން ސްކޫލް ފާހަގަކުރެވިފައި ވަނީ، ދަރިވަރުން ހޯދަމުންދާ ކާމިޔާބީ ދަމަހައްޓަމުންދާ އަންނަ ކޮންމެ ބަދަލެއް ފަހިކަމާއެކު ބަލައި ގަންނަ ސްކޫލެއް ކަމަށް ވިދާޅުވެފައެވެ.

’’ޖަލާލުއްދީން ސްކޫލުން ދަސްވެނިވި ދަރިވަރުންގެ ފަރާތުން ގައުމަށް ލިބެމުންދާ އަގުހުރި ޚިދުމަތްތަކުން ރަމްޒުކޮށް ދެނީ ދިވެހިރާއްޖޭގެ ތައުލީމުގެ މައިގަނޑު ތަސައްވުރު، ‘’ދިރިއުޅުމަށް ތައްޔާރުވެފައިވާ’’ ދަރިވަރުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މި ސްކޫލުން ކާމިޔާބުކަމާއެކު ކުރަމުންދާ ކަމަށެވެ.’’ ވަޒީރު ވިދާޅުވެފަވެއެވެ.

މި ފޮތުގައި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި އެ ސްކޫލަކީ ކުޅުދުއްފުށީ ސިޓީގެ ފަޚުރެވެ. އަދި އެ ސްކޫލަކީ މުޅި ރާއްޖެއަށް އަލިކޮށްދޭ، ހާއްސަކޮށް މާލެއިން އުތުރު އުޖާލާކޮށް ރޯޝަންކޮށްދޭ ދަންމަރުކަމަށް ވިދާޅުވެފަވެއެވެ.