އޮލިމްޕަހަކީ ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަމްޒްކޮށްދޭ ތަނެއް ކަމުގައި ފަންނާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، އޮލިމްޕަސް ސިނަމާ އަލުން ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ޔުމްނާ ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވިގެން ދިއުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއްކަމަށެވެ.
މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއްކަން ފާހަގަކުރައްވާ ވިދާޅުވީ އޮލިމްޕަހަކީ ދިވެހިންގެ ފަންނުވެރިކަމާއި ގުޅި ލާމެހިފައިވާ ތަނެއް ކަމަށެވެ. އަދި ލަވަޔާއި މިއުޒިކާއި ތަމްސީލާއި ޑްރާމާ އަދި ފިލްމާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ.
ކުރީގެ ރައީސް އަދި ޔުމްނާގެ ބައްޕާފުޅު މައުމޫންގެ ވެރިކަމުގައި ވެސް އޮލިމްޕަހަށް ތަރައްޤީތަކެއް ގެނެވިފައިވާކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޮލިމްޕަސް ހުޅުވުމަށް ފުރަތަމަ ހަމަޖެއްސި މުއްދަތަށްވުރެ މިކަން ދިގުލައިގެން ދިޔަކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން ދިގުލައިގެން ދިޔައީ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސިނަމާއާއި، ތިއޭޓަރ ހޯލާއި ޕްރެކްޓިސް ރޫމުތަކާއި ސްޓޫޑިއޯތައް ޒަމާނީ ފެންވަރަކަށް ގެނައުމަށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.
މާލޭގައި އަދި ރާއްޖޭގައި ވެސް ހުރި އެންމެ ގިނަދުވަސްވީ ސިނަމާ ކަމަށްވާ އޮލިމްޕަސް ބަންދުކޮށްފައިވަނީ، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލީގެ ސަބަބުންނެވެ. އަދި އެއަށްފަހު، އެތަން މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ވެސް ވަނީ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!