ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓް ދިނުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކޮށް، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުކަމަށް މިއަދު އިއުލާންކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެކުލަވާލި ވަގުތީ ކޮމެޓީގެ ޗެއާ، އިބްރާހިމް ވަހީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ބައެއް ވީޑިއޯތަކަކީ މީގެ ކުރީގެ އިންތިހާބުތަކުގެ ވީޑިއޯތަކެއް ކަމަށެވެ. އަދި ވޯޓު ފޮށިތައް ކައިރި ހަމަނުޖެހުން ހިންގި ބައެއް މީހުންނަކީ ޕާޓީގެ އިންތިހާބުގައި ވޯޓުލެވޭ މީހުން ނޫންކަމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ފުުރުސަތު ލިބުނީ ހަމައެކަނި މާލެ އާއި ރަށްރަށުގައި ތިބި މީހުންނަށް ކަމަށް ވުމުން ވޯޓު ނުލެވޭ 15 އިންސައްތަ އެއްހާ މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު ރަނގަޅު ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ފާއިތުވި ޖެނުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ގައި ބުނާގޮތުން ވޯޓުލީ 71 އިންސައްތަ މީހުންގެ ތެރެއިން 61 އިންސައްތަ، ނުވަތަ 24،566 ވޯޓު ދީފައިވަނީ ރައީސް ސާލިހަށެވެ. އަދި ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ.

57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާނެ ކަމަށެވެ.