ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ "ހަނިމާދޫ ލީގް" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް އިއްޔެ ހަވީރު ހަނިމާދޫ ޓާފް ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހްއާއި ޝީލްޑެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރޫހް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރޫހް ޓީމަށް މެޗުގައި ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އަހްމަދު ޝިނާންއެވެ. ދެން ރޫހް ޓީމަށް ލަނޑު ޖަހައިދީފައި ވަނީ އަބްދުﷲ މުޙައްމަދެވެ. ރޫހް ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ ޝީލްޑްގެ މުހައްމަދު މަމްދޫހް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ޝީލްޑް ޓީމުން މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޒަޔާންއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެފަހަރު ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.
މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އަހުލީއާއި ޔޫތު ފްރެންޑްސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:15 ގައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދީ، އެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމެވެ. މީގެ އިތުރުން ހަނިމާދޫގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.
މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!