ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެން ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތައް، ރައީސްގެ ދަޢުރު ނިމުމާއު ގާތްވެފައިވާއިރު ވެސް ނުފުދި ވާކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފިއެވެ.
ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުންކުރެ 5 މެންބަރެއް ސޮއިކުރަށްވާ ނެރުއްވާފައިވާ އެ ބަޔާނުގައ ިއެ ކައުންސިލުން ވިދާޅުވެފައި ވަނީ ދިއްދޫގެ ބިން ހިއްކުމާއި، ދިއްދޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމާއި، ދިއްދޫ އޮޑިއެހެލާ ސަރަހައްދުގެ މަސައްކަތާއި، ދިއްދޫ ރަސްމީ ފާލަމުގެ މަސައްކަތާއި، ދިއްދޫ އައިސްޕްލާންޓްގެ މަސައްކަތުގެ އިތުރުން ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައި ނުވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.
ދިއްދޫ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އެ ރަށަށް ވެވަޑައިގެންފާވާ ވަޢުދުތައް އަވަސްކޮށްދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް އެ ކައުންސިލުން ރަސްމީ ސިފައިގައި ހުށަހެޅި ނަމަވެސް އެ އެއްވެސް ހުށަހެޅުމަކަށް މިހާތަނަށް ޖަވާބު ދެއްވާފައި ނުވާކަމަށެވެ.
ދިއްދޫ ކައުންސިލުން ވަނީ އެ ރަށަށް ކޮށްދެއްވުމަށް ރައީސް ވަޢުދުވެ ވަޑައިގެންފައިވާ މަސައްކަތްތަކަކީ އެ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މުހިންމު ކަންކަމަށް ވާތީ ލަސް ނުކުރައްވައި އެކަންކަން ފައްޓަވައި ދެއްވުމަށް ވެސް އެދިލައްވާފައެވެ.
މިއަދު ނެރުނު މި ބަޔާނުގައި އެ ކައުންސިލުގެ ރައީސްއާއި ނައިބް ރައީސް ހިމެނޭހެން ޖުމްލަ ފަސް މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ.
ދިއްދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. އެ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދާއި، މެންބަރު މޫސާ ލަތީފް ފިޔަވާ ތިން އެކައުންސިލްގައި ތިއްބަވަނީ މުޅިންވެސް އެމްޑީޕީގެ މެންބަރުންނެވެ. ރަޝީދާއި، ލަތީފަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ދެބޭފުޅުންނެވެ.
ދިއްދޫ ކައުންސިލްގެ މި ބަޔާނުގައި ސޮއި ނުކުރަށްވަނީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންކަމަށްވާ ޒަހީރާ މުހައްމަދާއި، އާއިޝަތު ނަޛްމާއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޭފުޅުން މިއަދު އާއިލީ ޒިންމާގައި ތިއްބެވުމުން އޮފީހަކަށް ނުނިކުންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!