އއ. ތޮއްޑޫން މިއަހަރު ތެރޭ ޖުމްލަ 200 ގޯތި ދޫކުރެވައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތޮއްޑޫގައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ރައްޔިތުން އެދޭ އެދުން ވަރަށް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ އެރަށުން 100 ގޯތި ދޫކުރުމަށް މިހާރު ނިންމާފައި އޮތްއިރު، އެ 100 ގޯއްޗަށް އެރަށުގައި ޑިމާންޑް އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މީހުން އެ 100 ގޯއްޗަށް ކުރިމަތިލާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަނެއްކާވެސް ޔަޤީންކޮށް މި އަރުވަނީ އެ 100 ގޯއްޗަށްފަހު އިތުރު 100 ގޯތި މިއަހަރުގެ ތެރޭގައި ތި ބޭފުޅުންނަށް ދޫކުރާނަން''
ތޮއްޑޫގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީ މެންބަރުން ޕާޓީގެ ވިސްނުމުގެ އިތުރުން ގައުމީ ވިސްނުމެއްގައި ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ކޯވިޑްގެ ހާލަތުން ގައުމު އަރައިގަތުމަށް ސަރުކާރުން ކުރެއްވި މަސައްކަތާއި، ސަރުކާރުން ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކުރުކޮށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ޕްރައިމަރީގައި ވޯޓުލާއިރު ޤައުމަށް ދެންވާނެ ގޮތަކާމެދު ވިސްނުން ބަހައްޓަން އެދިވަޑައިގަންނަވާ ކަމަށެވެ.
މި ސަރުކާރުން ކުރި ކަންކަމުގެ ރިބަން ކަނޑާ ރަސްމިއްޔާތު ބާއްވަން ވެއްޖެ ނަމަ، މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ޖެހޭނީ އެކަން ކުރަން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!