ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެރި ނަފުރަތުގެ އިންތިހާއިން ފުރިގެންވާ ޢަމަލު ހިންގާފައި ވަނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ތުރުކީވިލާތާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.

Ad
rt

ތުރުކީ އެމްބަސީ ކުރިމަތީގައި އޭނާ މުސްހަފު އަންދާފައި ވަނީ ސްވިޑެންގެ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމާ އެކު، އެކަން ކުރުމުގެ ފުރުސަތު ސްވިޑެންގެ ސަރުކާރުން ދީގެންނެވެ.

މި ޢަމަލު ކުށްވެރިކޮށް ދިވެހިރާއްޖޭގެ ޚާޒިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ޓްވީޓެއް ކުރައްވާފައިވާއިރު، ޚާރިޖީ ވުޒާރާއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މި ޢަމަލާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ހައްދުފަހަނައަޅާފައިވާ ސިޔާސީ ޕާޓީ ސްޓްރެމް ކުރުސްގެ ލީޑަރު ރަސްމޮސް ޕަލުޑެން ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ހުތުރު އަމަލު ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ޚާރިޖީ ވުޒާރާއިން މި ޢަމަލު ކުށްވެރިކުރަށްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އިޖްތިމާޢި އެއްބައިވަންތަކަން ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި އެހެންނަމަވެސް، އިސްލާމްދީނަށް ފުރައްސާރަކޮށް ކުރާ އެފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތަކަށް ބުރޫ އަރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގައި ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާކަމަށެވެ.

މި މައްސަލަ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުންނާއި، ބައެއް ލީޑަރުން ވެސް ކުށްވެރިކޮށްފައި ވާއިރު، އިސްލާމީ ދުނިޔޭން ވެސް ވަނީ މި މައްސަލަ ކުށްވެރިކޮށްފައެވެ. މިގޮތުން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ)އިން ވަނީ ސްވިޑެންގެ މިއަމަލު އިންތިހާއަށް ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި މިއީ ނަފުރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމުގެ ނާތަހުޒީބު އަމަލެއްކަމަށް ބުނެފަވެއެވެ.