6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވުމުން އަޖައިބުވި ކަމަށާއި، ކޮންމެ ކަމެއްގައި ވެސް މާތްރަސްކަލާނގެ ސަބަބެއް މެދުވެރިކުރައްވާނޭ، އެ ހަމަލާއިން ސަލާމަތްވެވަޑައިގަތުމުން ހިތްޕުޅަށް އަރައިވަޑައިގަތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ދިވެހި ޗެނަލަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޕްރެޒެންޓަރ ޔާމީން ރަޝީދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ބަސްދީގަތުމުގައި ޕްރެޒެންޓަރ ކުރި ސުވާލު: މަނިކުފާނު ސިޔާސީ މައިދާނަށް ނުކުންނެވިފަހުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގަތް، ތަކުރާރުކޮށް ޖަލަށްލުމާއި، ޤައުމުން ބޭރުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެންޖެހިވަޑައިގަތުމާއި އަދި ދާދިފަހުން މަރުގެ އެތިފަހަރަކުން ތި ސަލާމަތް ވެވަޑައިގެންނެވީ، އަދިވެސް މި މަސައްކަތުގައި ކުރިއަށް ތި ވަޑައިގަންނަވަނީ ކީއްވެގެންތޯ؟

ޖަވާބުގައި ނަޝީދު ވިދާޅުވީ، ވަރަށް ގިނަ ކަންކަމާއި ދިމާވެއްޖެ ކަމަށެވެ. ޖަލުގެ އަނިޔާއާއި ރާއްޖެއިން ބޭރުގައި ދިރިއުޅެންޖެހުމުގެ މާޔޫސް ކަމާއި، ''ފަހުން މަރުގެތުންފަތް މައްޗަށް އަތުވެއްޖެ'' ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''އަޅުގަނޑު މިހާރު ވަރަށް ހިތައް އަރާކަމެއް ހާއްސަކޮށް މެއި 6 ގެ ހަމަލާގެ ފަހުން ކީއްވެބާއޭ ސަލާމަތްވީ، އަޅުގަނޑުގެ ވެސް އަޖައިބެއް ހަގީގަތުގައި ސަލާމަތްވުން އެއީ، އަޅުގަނޑު ސަލާމަތް ނުވާނެކަމަށް ހީވި ވަގުތުކޮޅެއް ދިޔަ އަޅުގަނޑު ހޭ ހުއްޓައި، ފަހުން މި ހިތައް އަރަނީ ކޮންމެ ކަމެއްގައި ވެސް މާތްރަސްކަލާނގެ ސަބަބެއް މެދުވެރިކުރައްވާނޭ، އަޅުގަނޑު ނުނިމިހުރި ބައިވަރު މަސައްކަތްތަކެއް ހަމަކަށަވަރޭ އެބަހުއްޓޭ، އެކަންކަން އަޅުގަނޑު ޖެހޭނީ ކުރާށޭ'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީއެއް ބިނާ ކުރުމާއި، ރާއްޖޭގައި ވެރިކަންކުރާ ގޮތާއި، ވެރިކަން ކުރަމުން އައި މީހުންނާއި، މިކަންކަން ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެއީ އެތައް ބައެއްގެ ބައިވެރިވުމާއެކު ކުރެވެމުން އަންނަ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެސް ކުރައްވަމުން ގެންދަވަނީ އެމަސައްކަތް ކަމަށާއި، ނުކުމެ ހުންނެވީ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ރަނގަޅު ގޮތް ހޯއްދަވައިދެއްވުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެހާދިސާ ހިނގީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށެވެ.

އެ ހާދިސާއާއި ގުޅިގެން 16 ގަޑި އިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.

އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގަތެވެ.