އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ބްރައިޓަންއިން ލިވަޕޫލަށް ވުރެ ކުރިއަށް ޖެހިލައިފިއެވެ.

މިރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ވެސް ބްރައިޓަން އިންނެވެ. ދާދި ފަހުން ލިވަޕޫލާއި ގުޅުނު ނެދަލެންޑްސްގެ ފޯވާޑް ގަކްޕޯ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވާއިރު އޭނާގެ ފަރާތުން ވެސް ފެނިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް، މެޗުގެ ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގައި ސޮލީ މާޗް ވަނީ ލަނޑެއްޖަހައި ބްރައިޓަންއަށް ލީޑު ހޯދައިދީފައެވެ.

ބްރައިޓަންގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި ފާގަސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް މާޗް އެވެ. މެޗުގައި ބްރައިޓަން ކާމިޔާބުކުރި ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ސޮލީ މާޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެލްބެކެވެ.

މި މެޗުން މޮޅުވުމާއިއެކު ބްރައިޓަން ވަނީ ޕޮއިންޓް ތާވަލުގައި ލިވަޕޫލަށް ވުރެ މައްޗަށް ޖެހިލާފައެވެ. ކުޅުނު 18 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ހަތް ވަނާގައި ބްރައިޓަން އޮތްއިރު، ކުޅުނު 18 މެޗުން ލިބުނު 28 ޕޮއިންޓާއިއެކު ލިވަޕޫލް އޮތީ ނުވަވަނާގައެވެ.