ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރަށްވާފައެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!