ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމެޓީން ނިންމާފައި ވަނީ މި ބަދަލުތަކާއެކު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނަވަން ނިންމާފައިވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުމުގެ ބަދަލުގައި 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރެއްވުމެވެ.
އެ ކޮމެޓީން ވަނީ، މިހާރު އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ބަދަލުގެންނަވަން ނިންމާފައެވެ.
މީގެއި ތުރުން، މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކުގެ ތެރެއަށް ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާ އިތުރުކުރަން ވެސް ވަނީ ނިންމަވާފައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައި ވުމުންނެވެ. އަދި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި، އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބައްލަވާގޮތަށް ވަނީ ނިންމަވާފައެވެ.
ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ޚިދުމަތް ކުރުމުންނެވެ.
މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!