މާލޭ އިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ ދައުލަތުގެ މީޑއާ އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނަޢީމް އެވެ.

Ad
rt

އޭނާ ވިދާޅުވީ ކަޅޮތެޔޮ އެޅުނު ގޮތް ދެނެގަތުމަށް މިހާރުވަނީ ސާމްޕަލް ނަގާފައި ކަމަށާއި އެގޮތުން ދެ ސަރަހައްދަކުން ތެޔޮ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ތެޔޮ އެޅިފައި ހުރި ސަރަޙައްދުންނާއި އެ ސަރަޙައްދު ބޭރުގައި އަޅާފައިވާ ބޯޓުތަކުން ވެސް ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޮއިލް ފިންގަރ ޕްރިންޓިންގ ނަގައިގެން ތެޔޮއެޅި ބަޔަކު ހޯދުމުގެ މަސައްކަތަކީ ރާއްޖޭގައި އަލަށް ކުރެވޭ މަސައްކަތެއްކަން ފާހަގަ ކުރައްވާ ނައީމް ވިދާޅުވީ އެކަން ދެނަގަތުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާ ކަމަށެވެ. އަދި ރާއްޖެއިން އެ ސާމްޕަލް ޓެސްޓް ނުކުރެވިއްޖެނަމަ ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް އެކަން ކުރާނެކަމަށް ނަޢީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހައިތަނަށް ބެލިބެލުމުން ބޮޑަށް ބެލެވެނީ މާލޭގެ ބޭރުގައި އަޅާފައި އޮންނަ ބޯޓުތަކުން އޮޔާ އައިސްފައިވާ ތެޔޮކަމަށެވެ.

ރަސްމީ ފާލަމާއި ދިމާލުން ފަޅުތެރެއަށް ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ކަޅު ތެޔޮ ނެގުމުގެ މަސައްކަތް ނިންމާލީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.

އެ ސަރަޙައްދުން 15 ފީފާގެ ތެޔޮ ވަނީ ނަގާފަ އެވެ.