ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ.
މިކަމާއި ގުޅިގެން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ''ތިލަދުން'' އަށް ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ އިންވެސްޓަކީ ރަށުގެ ގޭ ބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ކަމަށެވެ.
އެގޮތުން މި ހިދުމަށް މިއަހަރު އެއް މިލިއަން ރުފިޔާގެ އިންވެސްޓްކޮށް، މުވައްޒަފުން ނަގައިގެން މާރިޗު މަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކުނިގޮނޑަށް ބޭނުންވާ މެޝިނަރީސް ވެސް ބަޖެޓު ތަންދޭ މިންވަރަކުން ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުގެ އާމްދަނީ އިތުރުކުރުމުގެ މަގުސަދުގައި މި ވިޔަފާރިތައް ކުރުމުގައި ރަށުގެ އާންމުން ކުރާ ވިޔަފާރިތައް އެ ކުންފުނިން ނުކުރާނެ ކަމަށާއި ބޭނުންވަނީ ތަފާތު އެހެނިހެން ވިޔަފާރިތައް ކޮށްގެން އާމްދަނީ ހޯދުން ކަމަށް އިންފާޒު ވިދާޅުވި އެވެ.
އެގޮތުން އެކްޓިވިޓީ ޕާކުފަދަ ތަންތަނާއި ރަށުގެ ފަޅުތެރެއިން ކުރެވެން ހުރި އެހެނިހެން މަސައްކަތްތައް ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމަކު އެއީ ދުރު މުސްތަގުބަލެއްގެ ޕްލޭނެއްގެ ދަށުން ކުރުމަށް ނިންމާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!