ހދ.ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ހަދާފައިވާ ޓާފް ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ދަނޑު މަރާމާތަށް ބަންދު ކޮށްފިއެވެ.

އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން އެ ދަނޑުގެ ޓާފް ބަދަލުކޮށް ކުރަންހުރި މަސައްކަތްތައް ނިމެންދެން ދަނޑު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރަންފެށޭނޭ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަނޑުގެ ޓާފް ހަލާކުވެ ދަނޑު ބޭނުން ނުކުރެވޭ ވަރުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ދަނޑުގެ ހާލަތުދައްވެ އެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ބައެއް ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ދަނޑުގެ ހާލަތު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ.

އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ދަނޑުގެ ގިނަ ލައިންތަކެއް ވަނީ ނައްޓައިގެން ގޮސްފައެވެ. ބައެއް ހިސާބުގައި ވަޅުތައް އުފެދި ވެލި ފެންނަން ހުރިއިރު، ދަނޑުގައި އަޅާފައިވާ ވިނަ ޓާފްވަނީ ބޭނުން ނުކުރެވޭ ވަރު ވެފައެވެ.