ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ހޯދާ ނަތީޖާއާއި ގުޅުވައި ޤައުމީ ފެންވަރެއްގައި ވަނަތައް ހޮވައި ހައްޤު ޝަރަފް ދެމުން އަންނައިރު، ރާއްޖޭގެ ރަށްފުށުގައި ހުރި ސްކޫލްތަކުގައި ދަރިވަރުންގެ ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ޤާއިމް ކުރެވިފައިވޭތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. މިވަގުތު އެ ރަށު ސްކޫލުގައި ޖުމްލަ 630 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ. ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ މިހާގިނަ ދަރިވަރުން އުނގެނެމުން އަންނަ ސްކޫލެއްގައި އެކަށީގެންވާވަރާއި ގާތަށް ވެސް ގިނަ އިންތިޒާމްތަކެއް ހަމެޖެހިފައި ނުވާކަމެވެ.

Ad
rt

ނޮޅިވަރަމް ސްކޫލުގައި ގްރޭޑް 8 އުފައްދާފައި ވަނީ 2003 ވަނަ އަހަރުއެވެ. ގްރޭޑް 8 އުފެދުނުތާ ވިއްސަކަށް އަހަރު ފާއިތުވެގެންދާއިރު މިހާތަނަށް އެ ސްކޫލުގައި ސައިންސް ލެބެއް ނެތެވެ. މި އަހަރުގެ ޖޫން މަހު އޮންނަ ކޭމްބްރިޖް އިމްތިހާނުގައި އެ ސްކޫލުގެ 43 ދަރިވަރަކު ބައިވެރިވާއިރު އޭގެތެރެއިން 18 ދަރިވަރަކު ސައިންސް ސްޓްރީމް މާއްދާތަކުގެ އިމްތިހާނު ހަދާނެއެވެ. ފާއިތުވި ވިއްސަކަށް އަހަރު ދުވަހު އެ ސްކޫލުގައި ކޭމްބްރިޖް އިމްތިހާނުގައި ސައިންސް ސްޓްރީމްގެ މާއްދާތަކުގައި ބައިވެރިވި ދަރިވަރުންނެކޭ އެއްފަދައިން މި އަހަރުގެ ދަރިވަރުން ވެސް ތަޢުލީމީ މުހިންމު މަރުހަލާއެއް އެ ނިންމާލަނީ ސައިންސް ލެބެއްގެ ޚިދުމަތުން މަހްރޫމްވެ ތިބެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ނޮޅިވަރަމް ސްކޫލުގެ ބެލެނިވެރިއެއް "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެ ރަށު ސްކޫލުގައި ގްރޭޑް 8 އުފެދިގެން ދިޔުމާއިއެކު ދެ އަހަރުތެރޭ ސައިންސް ލެބެއް ގާއިމް ކޮށްދޭނެ ކަމަށް އޭރު އޮތް ސަރުކާރުން ވަޢުދުވީ ކަމަށާއި ނަމަވެސް 2022 އަހަރު ނިމިގެން ދިޔައިރު ވެސް އެކަން ފުރިހަމަވެފައި ނުވާ ކަމަށެވެ. އިންތިޒާރު ކުރަންވީ ކިހާ ދުވަހެއް ވަންދެން ތޯ ބުނެ އެ ބެލެނިވެރިޔާ ވަނީ ސުވާލު އުފައްދާފައެވެ.

ނޮޅިވަރަމް ސްކޫލަކީ މިހާރުވެސް ދެ ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދާ ސްކޫލެކެވެ. ހިތާމައަކީ ދެ ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ފުރިހަމަކޮށް ކުރިއަށް ގެންދެވޭ ވަރަށް ވެސް އެ ސްކޫލުގައި ކްލާސް ރޫމް ނެތުމެވެ. ސްކޫލުގައި މިވަގުތު ކިޔަވައިދެމުން އަންނަ ބައެއް ކްލާސްތަކަކީ އެންމެ ކުރީގައި ހޯލެއްގެ ގޮތުގައި ބޭނުން ކުރެވެމުން އައި ބައިގައި ޕާޓިޝަނުން ވަކިކޮށް ހަދާލެވިފައިވާ ވަގުތީ ކްލާސްތަކެކެވެ.

އެއް ދަންފަޅިއަށް ކިޔެވުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ސްކޫލްތަކެކޭ އެއްފަދައިން ނޮޅިވަރަމް ސްކޫލުގައި ވެސް އެއް ދަންފަޅިއަކަށް ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ އެ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުން ދެކެން ބޭނުންވާ ދުވަހެކެވެ. ނަމަވެސް އެ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަށް މަދުވެގެން 12 ކްލާސް ރޫމް ބޭނުންވެއެވެ.

ނޮޅިވަރަމް ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފަށައިގެން ގްރޭޑް 10 އާއި ހިސާބަށް ޖުމްލަ 29 ކުލާހަކަށް ދަރިވަރުން ބަހާލާފައިވާއިރު، ސްކޫލުގައި ހުރީ ބޭނުންކުރެވޭ އެންމެ 17 ކްލާސް ރޫމެވެ.

ސްކޫލުގައި އެކަށީގެންވާ ހޯލެއް ނެތެވެ. ޓާރމު ނިންމާ ދަރިވަރުންނަށް ރިޕޯޓް ދިނުންފަދަ ހަފްލާއެއް ހުރިހާ ދަރިވަރުންނާއިއެކު އެއްފަހަރާ ބޭއްވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގޮތެއް ނެތެވެ. ވުމާއިއެކު ދަރިވަރުން ހާޟިރު ކުރަން ޖެހެނީ ކުލާސްތައް ވަކިންނެވެ. މީގެއިތުރުން މަދަހަ މުބާރާތްފަދަ މުބާރާތްތަކާއި ހަފްލާތައް ފުރިހަމަކަމާއިއެކު ބޭއްވޭނޭ އިންތިޒާމް ހަމަޖެއްސޭނޭ މާލަމެއް ނެތުމަކީ ވެސް ބޮޑު ދައްޗެކެވެ. ނޮޅިވަރަމް ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. ނަމަވެސް މިހާތަނަށް އަދި އެ ވަޢުދު ފުއްދާފައި ނުވެއެވެ.

ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލާއި ހިސާބުން އިމާރާތުގެ ދަތިކަމުގެ ވާހަކަ ނުނިމެއެވެ. ނޮޅިވަރަމް ސްކޫލުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް އެންމެ އެކަށީގެންވާ މިންވަރަށް ވެސް ޖާގަނެތެވެ.

ނޮޅިވަރަމް ސްކޫލަށް ދިމާވެފައިވާ ކްލާސް ރޫމްގެ ދަތިކަމަށް ހައްލު ހޯދުމަށް އެ ސްކޫލުގެ ބެލެނިވެރިން ވަނީ ނިމިދިޔަ އަހަރުގެ ސްކޫލް ކިޔެވުން ފެށުނު ދުވަހު ޕެޓިޝަނެއްގައި ސޮއިކޮށް އެ ސްކޫލުގެ 500 އަށް ވުރެ ގިނަ ބެލެނިވެރިންގެ ސޮޔާއިއެކު މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިގެން ވެސް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އަދި އެކަށީގެންވާ ހައްލެއް ލިބިފައި ނުވެއެވެ.

ހަސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނަ އެ ސްކޫލުގައި މުހިންމު ބައެއް މަޤާމްތަކަށް ބޭނުންވާ މުވައްޒަފުން ވެސް ނެތެވެ. މިގޮތުން ބަލާއިރު ކައުންސިލަރެއް ނެތެވެ. އަދި ހެލްތު އެސިސްޓެންޓެއް ނެތެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ސުކޫލުގައި މަސައްކަތް ކުރާ މުދައްރިސަކު "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ދަރިވަރުންނަށް ސްކޫލު ތެރެއިންނާ ބޭރުން ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި އަޅާނުލެވުމުގެ އެއް ސަބަބަކީ ކައުންސެލަރެއް ނެތުންކަމަށެވެ. ކައުންސެލަރެއް ލިބިއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެވޭނެކަމަށެވެ. މީގެ އިތުރުން ސްކޫލު މާހައުލެއްގައި ހެލްތު އެސިސްޓަންޓެއް އަދި ކައުންސިލަރެއްގެ އެހީތެރިކަމަށް ބޭނުންވާނެ ކިތަމެ ކަމެއް ކުދިންނަށް ދިމާވާ ކަމަށާއި ނަމަވެސް އެ މަޤާމުތަކުގައި މުވައްޒަފުން ނެތުމުން ދަރިވަރުންނަށް ބައެއް ހައްގުތައް ގެއްލޭ ކަމަށެވެ.

އެ ސްކޫލުގައި އެކަށީގެންވާ ލައިބްރަރީއެއް ނެތެވެ. އަރަބި މުދައްރިސެއް މަދެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކުލާހެއްގެ ވަސީލަތެއްނެތެވެ.

ވަސީލަތް ހަމަ، ވަށާޖެހޭ ތައުލީމެއް ލިބުމަކީ ކޮންމެ ދަރިވަރެއްގެ އަސާސީ ހައްގެކެވެ. ދުޅަހެޔޮ، ދިރިއުޅުމަށް ތައްޔާރުވެފައިވާ ޖީލެއް ބިނާކުރެވިގެން ނޫނީ ގައުމެއް ބިނާ ނުކުރެވޭނެ ކަން ޔަޤީނެވެ.