ހދ. ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަމްބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ތާވަލު ކޮށްފިއެވެ.

ގުރުއަތުލުން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމަށް ގޯތި ލިބޭ އެންމެހާ ފަރާތްތައް ހާޟިރުވުމަށް ކައުންސިލުން ވަނީ އެދިލައްވައެވެ.

Ad
rt

އެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެނައުމަށާއި، ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތެއްކަން އެނގޭނެ ސިޓީއަކާއި އަދި ސިޓީ ހިފައިގެން އަންނަ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.

ގުރުނެގުމަށް ހަމަޖެހިފައި ވަނީ އެ ކައުންސިލުން ޢާއްމުކޮށްފައިވާ "ހަނިމާދޫއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގެ" ތަރުތީބުން ކޮންމެ ގޯއްޗަކަށް ދެވިފައިވާ ނަންބަރު ލިޔެފައިވާ ކަރުދާސްތައް އެކަމަށް ޚާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑުކޮޅުންނެވެ.

ގުރުނަގަން ޙާޒިރުނުވާ ފަރާތްތަކުގެ ގުރު ނެގުމަށް ހަމަޖެހިފައި ވަނީ ހާޟިރުވި އެންމެން ގުރު ނެގުމަށް ފަހުއެވެ. މިގޮތުން އެ ގުރުއަތުތައް ނަގާނީ ވިލަރެސް ކޮމެޓީން ކަނޑައަޅާ ފަރާތެކެވެ.