ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ހުންނެވިކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަހްމަދު ދާއޫދު (ޑޭވިޑް) ހާމަކުރައްވައިފިއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޑޭވިޑް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނާއި، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރިކަމަށެވެ. އަދި އެހާލަތްތައް މެދުވެރިކުރުވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ރައީސް ޞާލިޙް ގެންގުޅުއްވީ ހަރުދަނާ އިގްތިސާދީ ސިޔާތުތަކެއް ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
އެހެންކަމުން އެހާލަތްތަކުން ލަހެއްނުވެ ޤައުމު އަރައިގަތީ ރައީސް ޞާލިޙް ހިކުމަތްތެރި އިގްތިސާދީ ސިޔާސަތުތަކުން ކަމަށް ވުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާގެ ތާއީދު އޮތީ ތައީސް ސާލިހަށް ކަމަށް ޑޭވިޑް ވިދާޅުވެފަވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑޭވިޑް ހުންނެވީ ރައީސް ޞާލިޙްގެ ފަޅީގައިކަން ހާމަކުރެއްވިއިރު، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ތާއީދު ކުރައްވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށްކަން ވަނީ ހާމަކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮތީ މިމަހު 28 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!