ހއ. އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ފަށައިގެން ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ.
އުލިގަމުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމުގެ ސަޤާފަތެއްގެ ގޮތުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ފެށިގެންއައި ގޮތް ސީދާ އެނގެން ނެތްނަމަވެސް އެ ހަރަކާތް ކުރިން ބާއްވަމުން އައިސްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ޒަމާން ބަދަލުވެ މަސްފިހުމުގެ ހަރަކާތް ބާއްވާ ދުވަސްވަރު މިހާރު ވަނީ ބަދަލުވެފައެވެ. އުލިގަމު ކައުންސިލުން ޚަރަދު ކޮށްގެން މިހާރު ބާއްވަމުން އަންނަ މި ހަރަކާތަށް ކައުންސިލުން ދީފައިވާ ނަމަކީ " ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އެވެ.
އުޅަނދުތައް މަހަށް ފުރުވާލުން، ފޮޓޯ: އުލިގަމު ކައުންސިލް
މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ ވެސް ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މިގޮތުން މިއަހަރުގެ ހަރަކާތް މިއަދު ކުރިއަށްދާއިރު މިހަރަކާތަށް މަސް ބޭނުމަށް އުޅަނދުތައް ފުރާފައި ވަނީ މިއަދު ފަތިހު 5:45 ހާއިރުއެވެ.
މަސް ފިހުމަށް އޫ ތައްޔާރުކުރުން، ފޮޓޯ: އުލިގަމު ކައުންސިލް
މަސް ބޭނުމަށް އުޅަނދުތައް ފުރުވާލުމާއެކު ބާބަކިއުއަށް ތައްޔާރުވުމުގެ ކަންކަން ވެސް ހެނދުނު 6:00 ގައި ވަނީ ފަށާފައެވެ. ފަތިހު މަހަށް ފުރުވާލި އުޅަނދުތައް މަސް ބާނައިގެން ރަށަށް އަންނަން ފަށާފައި ވަނީ މެންދުރުފަހު 15:00 އިރުން ފެށިގެންނެވެ.
މަސް ފިހަން ތައްޔާރު ވަނީ، ފޮޓޯ: އުލިގަމް ކައުންސިލް
ބާބަކިއު ހަވީރު 16:00 ގައި ފަށައިގެން މިހާރު ކުރިއަށްދާއިރު 17:45 ހާއިރު މަސް ފިހުމުގެ ކަންކަން ފަށާނެއެވެ.
މަސް ފިހަން ތައްޔާރުކޮށްފައި، ފޮޓޯ: އުލިގަމު ކައުންސިލް
މި ހަރަކާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:00 ގައެވެ. އަދި ބާބަކިއުގެ ޖާފަތަށް އިންސާފުކުރަން ފަށާނީ މިރޭ 20:30 ގައެވެ.
އުލިގަމަކީ ޒަމާނުއްސުރެ ވަރަށް އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވާއިރު، މި ހަރަކާތުގެ ސަބަބުން އިތުރަށް އެ ރަށުގެ ސަފުތައް ބަދަހިވުމަށް މަގުފަހިވެގެން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!