ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި ބާއްވާ ފަށައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރަސްމީ ޓްވީޓާގައި ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އެ ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ކުރަން ނިންމި މުޒާހަރާ މިހާރު ވަނީ ފަށާފައެވެ.
މާލޭގައި މި މުޒާހަރާ ފަށާފައި ވަނީ ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. މުޒާހަރާގެ އެންމެ އިސް ސަފުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތިބިއިރު އެ ބޭފުޅުން ހިފަހައްޓައިގެން ތިބި ބެނާގައި ''ޙަރާމް ހުކުމް ބާތިލުކުރޭ، ރައީސް ޔާމީން މިނިވަންކުރޭ'' މިހެން ލިޔެފަވެއެވެ.
މި މުޒާހަރާގެ ބައިވެރިން ޕީޕީއެމްގެ ދިދައާއި، ޤައުމީ ދިދަ ހިފަހައްޓައިގެން ތިބިއިރު، މުޒާހަރާގެ ތެރެއިން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކުން އޯޑިއޯތައް ދަނީ އިއްވަމުންނެވެ.
ފޮޓޯ: ޕީޕީއެމް
އިދިކޮޅު ކޯލިޝަނުން ބުނިގޮތުގައި މި މުޒާހަރާ މިހާރު ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފަށާފައެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އެ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!