ހަ ވަނަ ޓީޗާސް ކޮންފަރެންސް ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.
މިކޮންފަރެންސް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ، މެޑަމް ފަޒުނާއަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ ޓީޗާސް ކޮންފަރެންސް ނިމޭއިރު، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ބެހޭ ގިނަ މައުލޫމާތުތަކެއް ބައިވެރީންގެ މެދުގައި ފެތުރިގެން ދާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.
ދުނިޔޭގައި، މަދްރަސީ ތައުލީމު ފެށިގެން މިވީ 150 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މުޅި ދުނިޔެ ވެސް ބަދަލުވެފައިވާކަން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ ކޮންމެ ކުއްޖަކާ މިއަދު ކުރިމަތިވަނީ، ތަފާތު އެތައް ވީޑިއޯތަކަކާއި މަންޒަރުތަކެއް ކަމަށެވެ.
"ބައެއް މީހުން ހުތުރު ކަންތައްތައް ރީތިކަމަކަށް ހަދާ. ޙަރާމްކަންކަން ޙަލާލު ކަންކަމުގެ ގޮތުގައި ދައްކުވާ. ނިޔާ އާއި އަނިޔާ އެއްގޮތް ކުރަން ދަނީ މަސައްކަތްކުރަމުން. އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަން ވަނީ ލާ މެހިފަ." ފަޒުނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފަޒުނާ ވިދާޅުވީ ތައުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ސިނާއީ ހަތަރުވަނަ އިންގިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށެވެ. އަދި ލިޔަންކިޔަން ދަތުމާއި ހިސާބުގެ ހުނަރުތަކާއި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ހުނަރު މުހިންމު ކަމަށެވެ.
ހަމަމިއާއެކު ކްރިޓިކަލް ތިންކިންގގެ ހުނަރު ވަރަށް މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ މީހަކަށް ފުންކޮށް، ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން ކަމަށެވެ.
މެޑަމް ފަޒުނާ ވިދާޅުވީ ދުނިޔެއަށް އިންގިލާބީ އެތައް ބަދަލެއް އައިކަމުގައިވީނަމަވެސް ބަދަލުނުވާނެ އެއްޗަކީ އިންސާނުންނަށްވީތީ، ދަމަހައްޓަންޖެހޭ އަގުތަކެއްވާ ކަމަށެވެ. އެހެންކަމުން ސްކޫލް ނިންމާ މުޖުތަމައަށް ނިކުންނަ ދަރިވަރުންގެ ކިބައިގައި މިއަގުތައް އަށަގެންނެވުމުގައި ތައުލީމީ ދާއިރާއިން މަސައްކަތް ކޮށްދެއްވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!