ދިވެހި މަސްވެރިންނަށް އަންނަ ޖެނުއަރީ 1 އިން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސާނެކަމަށާއި، އަދި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާނެ ކަމަށް ރައީސް ބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އިއްޔެ ދާންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި އެ ބައްދަލުވުމުގައި އެރަށުގެ މަސްވެރިންގެ ފަރާތުން ލިބުނު އެއް ކަންބޮޑުވުމަކީ ފެނަކައިން އައިސް ވިއްކާއިރުގައި، ކްރެޑިޓަށް އައިސް ނުލިބުންކަން ފާހަގަ ކުރައްވައި ރައީސްގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ޖަނަވަރީ 1 އިން ފެށިގެން ފެނަކައިން މަސްވެރިންނަށް އައިސް ވިއްކާއިރުގައި، ކްރެޑިޓަކާ އެކީގައި އެކަން ކުރެވޭނެގޮތް އެ ކުންފުނިން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ތެޔޮ ލިބޭއިރުގައި، ބޭނުންވާވަރަށް ތެޔޮ ނުލިބުމާއި، ކްރެޑިޓަށް ނުލިބުމުގެ ވާހަކައަކީ މިދިޔަ މަސްވެރިންގެ ދުވަހުވެސް އެމަނިކުފާނާއި ހަމައަށް އައިސްފައި އޮތް ކަންބޮޑުވުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
''މިހާރު އެސް.ޓީ.އޯ. އިން އެ އިންތިޒާމު ކުރާގޮތަށް، އެކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާއިރުގައި، މަސްވެރިން ބޭނުންވާވަރަށް ތެޔޮލިބި، އަދި ކްރެޑިޓް ފެސިލިޓީއަކާއެކު، އެކަން ހަމަޖެހިގެންދާނެ ވާހަކަވެސް މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިންގެ ޝަކުވާތަކަށް ޙައްލު ހޯދުމަށްޓަކައި، ވަގުތީ ޙައްލާއި، ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ވަގުތީ ޙައްލުގެ ގޮތުގައި، މިދިޔަ މަސްވެރިންގެ ދުވަހުވެސް އެމަނިކުފާނު ވިދާޅުވި ފަދައިން، ހަތަރު މަސްބޯޓެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
''އެއީ، ގާތްގަނޑަކަށް ކެޕޭސިޓީގައި 700 އަށްވުރެ ގިނަ ޓަނު މަސް ގަނެވޭ، 300 ޓަނުގެ ބްރައިން ފްރީޒިންގއާ އެކުގައި ގެނެވޭ ބޯޓުތަކެއް.'' ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ، ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަ ކުރައްވައި، އޭގެ އިތުރުން ތިނަދުއާއި، އިހަވަންދުއާއި އަދި މުލަކުގައި މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކަމަށް ބޭނުންވާ ވަސީލާތްތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!