ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލީ ވަހީދު ވިދާޅުވީ މިސަރުކާރު އައީ ރާއްޖޭގައި 35000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ވައުދާއިއެކު ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ޓޫރިޒަމަށް ނެރޭނެ ރަށްތައް މިހާރު ކަނޑައެޅިފައި ވާކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެރަށްތައް އިއުލާން ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި ހއ އަތޮޅު، ހދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު އަދި މ އަތޮޅާއި ފ އޮތޮޅު، ލ އަތޮޅު، ގއ އަތޮޅު އަދި ގދ އަތޮޅުގެ ރަށްތައް ހިމެނޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Ad
rt

ސެންޓަރަލް ޒޯން ނުވަތަ މާލެ އޭރިޔާ ގައި މިފަހަރު ޓޫރިޒަމް ތަރައްޤީ ކުރުމަށް އިތުރު ރަށްތަކެއް ދޫކުރުމަށް ނިންމާފައި ނުވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިބުރު އިއުލާން ކުރާ ރަށްތަކުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ފެށޭކޮޅު ފައްޓަވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

2023 ވަނަ އަހަރު ފެށުމުގެ ކުރިން 35000 އެނދު ތަރައްޤީ ކޮށް އަމަލީ ގޮތުން ދައްކާނެކަމުގެ ޔަޤީންކަން އަލީ ވަހީދު ވަނީ ދެއްވާފައެވެ. މިސަރުކާރަކީ ހުވަފެންތަކެއްގައި ތިބުމަށް އައި ސަރުކާރެއް ނޫންކަމަށާއި މިއީ ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް އައި ސަރުކާރެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާ ނުވަތަ ޓޫރިޒަމް މިނިސްޓްރީއާ ގުޅުންހުރި ކުންފުނިތަކަކީ ރާއްޖޭގައި އެންމެ ބޮޑަށް ވައްކަން ކުރި ކަމަށް ތުހުމަތުތައް ކުރެވެމުންދިޔަ ވުޒާރާތައް ކަމަށާއި އެއް އަހަރުވީ އިރު، ޓުވިޓާ ވަގު އެކައުންޓަކުން ވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން ވައްކަން ކުރެއޭ ބުނާ އަޑު ނީވި އެއް އަހަރު ހާސިލުކުރެވިއްޖެ ކަމަށެވެ. ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވީ ރައްޔިތުންގެ ބައިތުލްމާލު ސަލާމަތްކުރަން ކަމަށާއި އެކަން މިއޮތީ ފުރަތަމަ އަހަރުގެ ތެރޭގައި ކަށަވަރުކޮށް ޔަގީންކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.