ވޯލްޑް ކަޕް ފައިނަލްގައި މިރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗު، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި ބަލައިލުމަށް ފުވައްމުލަކު ރައްޔިތުންނަށް ނައިބު ރައީސްގެ ފަރާތްޕުޅުން ދައުވަތު ފޮނުއްވައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިިވާގޮތުން މިރޭ ކުޅޭ ވޯލްޑް ކަޕް ފައިނަލް މެޗު ބަލާލުމަށް ނައިބު ރައީސްގެ ފަރާތުން އެ ސިޓީގެ ރައްޔިތުން ވަނީ ދައުވަތު އަރުވާފައެވެ. ފުވައްމުލަކުގައި ނައިބު ރައީސްގެ ފަރާތްޕުޅުން ބޮޑު ސްކްރީންގައި މެޗުބަލާލުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެ ސިޓީގެ ހާފިޒް އަހްމަދު ސްކޫލްގައެވެ.
މިރޭ ރާއްޖޭ ގަޑިން 20:00 ގައި ފަށާ ފައިނަލް މެޗު ބަލަން ހާފިޒް އަހްމަދު ސްކޫލަށްދާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނައިބު ރައީސްގެ މި ދައުވަތާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.
މިކަމާއިގޫޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ''ތިލަދުން'' ގެ ފަރާތުން، ނައިބު ރައީސްގެ ފަރާތްޕުޅުން މިރޭގެ މެޗު ބެލުމުގެ ކަންތައް އިންތިޒާމުކުރުމުގައި ފުވައްމުލަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކާއި ގުޅާލުމުން ވިދާޅުވީ، އިރުކޮޅެއްގެ ތެރޭގައި އެ ހަރަކާތުގެ ޕްރީ ޝޯ ފެށޭނެ ކަމަށެވެ. އަދި އެ ޕްރީ ސޯއާއި، ހާފިޒް އަހްމަދު ސްކޫލްގެ މިރޭގެ މަންޒަރުތައް ''އަހުން ނިއުސް'' ކިޔާ ފޭސްބުކް ޕޭޖަކުން ލައިވް ކުރަމުން ގެންދާނެ ކަމަށެވެ.
''މިރޭގެ މެޗު ބެލުން މިއޮތީ މި ސިޓީގެ ހާފިޒް އަހްމަދު ސްކޫލްގެ ހޯލްގައި، މިއީ މިސިޓީގައި ހުރި އެންމެ ބޮޑު އެއް ހޯލުގައި، މިރޭގެ މެޗު ބެލުމަށް ހޯލަށް ވަންނަ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރާނެ، އަދި މެޗު ނިމުމާއެކު އެފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އިނާމްތައް ހަވާލު ކުރެވޭނެ'' އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި އިނާމްތަކުގެ ތެރޭގައި ސޯފާ ސެޓާއި، 55 އިންޗީގެ ޓީވީ، އައިޕެޑާއި އާއި ފައިސާގެ އިނާމްތަކާއި އަދި މިނޫންވެސް ''ސަޕްރައިޒް އިނާމްތައް'' ހިމެނޭ އެވެ. އަދި މިރޭގެ މެޗު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވަގުތު އެތަނުގައި ކެއިން ބުއިމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނައިބު ރައީސްގެ އިސްނެންގެވުމާއެކު މިރޭ ފުވައްމުލަކުގައި ބޮޑު ސްކްރީންގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، 1998 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލައިލުމުގެ އިންތިޒާމު އެރަށުގެ ބޯޅަ ދަނޑުގައި ނައިބު ރައީސް ފައިސަލްގެ އެހީތެރިކަމާއެކު ހަމަޖައްސަވައިދެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ އެ ރަށު ރައްޔިތުން ބޮޑު ސްކްރީނެއްގައި މެޗެއް ބެލި ފުރަތަމަ ފަހަރުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ
މިފަހަރުގެ ވޯލްޑް ކަޕް ފެށުނު ރޭ، ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ނައިބު ފައިޞަލް ވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ތިން ދަރިކަލުންނާއެކު އާޖެންޓީނާގެ ޖާޒީ ތުރުކުރައްވައިގެން ވަޑައިގެންފައެވެ.
ނައިބު ރައީސް ތިން ދަރިކަލުންނާއެކު މެޗު ބައްލަވަން ވަޑައިގަންނަވަނީ، ފޮޓޯ؛ ރައީސް އޮފީސް
ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. އިޖްތިމާޢީގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ބިންގާ އެޅިގެން ގޮސްފައިވަނީ، 1986 ވަނަ އަހަރު މެކްސިކޯ ވޯރލްޑްކަޕުގައި، މަރަޑޯނާ މަޝްޢޫރުވެގެން ދިޔަ ދުވަސްވަރު އުފެދުނު ފޯރިއާއި ޖޯޝުގެ ތެރެއިން ކަމަށް މަރަޑޯނާ މިދުނިޔެ ދޫކުރުމުގެ ހިތާމާގައި ބައިވެރިވެ، 25 ނޮވެމްބަރު 2020 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
2010 ވަނަ އަހަރު ބޭއްވި ވޯރލްޑްކަޕްގެ ވީޓީގެ ޕްރީ ޝޯގައި، ބައިވެރިވެވަޑައިގެން އެ ޝޯގައި ފައިޞަލް ވިދާޅުވެފައި ވަނީ އެމަނިކުފާނު އާޖެންޓީނާއަށް ކުރަށްވާ ސަޕޯޓަކީ މަރަޑޯނާއަށް ކުރައްވާ ސަޕޯޓް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިޖްތިމާޢީ ހަރަކާތްތަށް ފެށުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.
ނައިބު ރައީސް ފައިސަލް އަކީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅެކެވެ. އެމަނިކުފާނު މިވަގުތު ފުވައްމުލަކުގައި ހުންނެވިއިރު، އެމަނިކުފާނަކީ މިރޭ ފައިނަލްގައި އެއްކޮޅުން ބައްދަލުކުރާ އާޖެންޓީނާގެ ވަރަށް ބޮޑު ފޭނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!