ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއަރ 2022" ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުމަށް ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ، ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުދިން އަމިއްލައަށް ކަންކަންކުރުމަށް ފުރުޞަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ޙައްލުކުރުމުގެ ހުނަރުފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. މިގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. އެހެންކަމުން ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއަރ 2022" ކުރިޔަށްގެންދަނީ މާދަމާގެ ނިޔަލަށެވެ. އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެއަރގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއަރގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!