ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ކޮޅަށް މަޗުގެ ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމާއި ފިޔަވަޅަކާ ގާތަށް ކްލަބް ކޮރަލްސްއިން ޖެހިލައިފިއެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އަމްޖަދު ހަސަންއެވެ.

ކޮރަލްސްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ދެވަނަ ލަނޑު އެ ޓީމްގެ ޖޯޒީ ނަމްބަރު 9، ފަތުހުﷲ އާދަމް ކާމިޔާބު ކޮށްދީފައިވާއިރު، ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 23، އަސްވަދު ރަޝީދުއެވެ.
މި މެޗުގެ ފަހު ފަނަރަ މިނެޓް ޒިގްޒެގުން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމްގެ ޖޯޒީ ނަމްބަރު 13، މުޙައްމަދު ޖަމްޝާދަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑް ދައްކާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 37، މުޙައްމަދު ރަޝީދުއެވެ.
މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ ހަމްޒާ ހަސަންއެވެ. ކުޅުދުއްފުށީ މަގުލަސް ކުލަބް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ދެފަހަރު ވެސް އެ ޓީމްގައި ހަމްޒާ ހިމެނުނެވެ. އަދި ޒޯންތަކުގެ ޗެމްޕިއަނުންގެ ބުރުގައި މާލޭ ގަލޮޅު ދަނޑުގައި ހަމްޒާ ވަނީ މަގުލަހާއިއެކު ނުކުމެ ކުޅުދުއްފުށި ތަމްސީލް ކޮށްފައެވެ. ޗެމްޕިއަނުންގެ ބުރުގެ ފައިނަލުގައި މަގުލަސް ވާދަކުރި އަހަރު އެ ޓީމްގެ ކެޕްޓަންކަން ވެސް ހަމްޒާ ވަނީ ކޮށްފައެވެ. ހަމްޒާވަނީ އެތައް މުބާރާތެއްގައި ކުޅުދުއްފުށިން ނުކުތް ޓީމަތަކުގައި ހިމެނިގެން ކުޅެ ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދީފައެވެ.
މުބާރާތުގައި މިހާތަނަށް ކޮރަލްސް ކުޅުނު ތިން މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދައި މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކޮރަލްސްއެވެ. ކޮރަލްސްއަށް ދެން މުބާރާތުގައި އޮންނާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ޕޮއިންޓެއް ހޯދުނު ނަމަވެސް ކޮރަލްސްއަށް ފައިނަލުން ޖާގަ ލިބިގެން ދާނެއެވެ.
ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވި ސްކައިއާއި ޒިގްޒެގަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގޯލުގެ ތަފާތުން ކުރިލިބި ތާވަލުގެ ދެވަނާގައި ސްކައި އޮތްއިރު، ތިންވަނާގައި އޮތީ ޒިގްޒެގެވެ. ކުޅުނު ދެ މެޗުން ބަލިވި ކެޑް ހަތަރު ވަނާގައި އޮތްއިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ މާއްޓޭ ސްޕޯޓްސް ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގައި މާދަމާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އާއި މާއްޓޭ ސްޕޯޓްސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 15:50 ގައެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!